ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ގުއާމްއާއި ބައްދަލުކޮށް މޮޅުވެއްޖެއެވެ.
ގުއާމްގެ ދަނޑުގައި މިއަދު ހެނދުނު ކުޅުނު ގްރޫޕް އޭގެ ފުރަތަމަ މެޗު ދިވެހިރާއްޖެ އިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާ އަކުންނެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 26 ވަނަ މިނަޓްގައި ޖަހައިދިނީ ފޭދޫ އިއްބެއެވެ. އިއްބެ މިލަނޑު ޖަހާފައިވަނީ އޭރިއާތެރޭ ވަރަށް ހަމަޖެހިލާފައިހުރެ ގޯލްގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
ރާއްޖޭގެ ލަނޑަށްފަހު ގުއާމު ޓީމުގެ އެޓޭކިން އިތުރަށް ވަރުގަދަވިއެވެ. ރާއްޖޭގެ ގޯލަށް ނުރައްކާކުރަން ގުއާމުން ވަރަށް މަސައްކަތްކޮށްފައިވާއިރު، މެޗުގެ ފުރަތަމަ ހާފު ފަހުގެ ރާއްޖޭގެ ޑިފެންސް ލައިނަށްވަނީ ވަރަށް ޕްރެޝަރު ބޮޑުވެފައެވެ. އެހެންނަމަވެސް ގޯލަށް މާ ނުރައްކާވާފަދަ ހަމަލާއެއް ގުއާމަށްވަނީ އުފެއްދޭގޮތް ނުވެފައެވެ.
ފިޒިކަލް ގޭމެއް ފެނިގެންދިޔަ މިމެޗުގައި ގިނަ ކާޑުތަކެއް ފެނިގެން ގޮސްފައިވާއިރު، ގުއާމްގެ ކުޅުންތެރިއަކަށް ދެރީނދޫ ކާޑާއެކު ރަތްކާޑެއްވެސް ދައްކާފައިވެއެވެ.
ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ދެޓީމަށްވެސް ލިބިގެންދިޔައި މެޗުގައި ލިބުނު ފުރުޞަތުތައް ދެޓީމުއަތުންވެސްވަނީ ބޭކާރުވެފައެވެ.
ރާއްޖޭގެ އަދި ގުއާމްގެ އިތުރުން މިގްރޫޕްގައި ދެން ހިމެނެނީ ސީރިއާ، ޗައިނާ އަދި ފިލިޕީންސްއެވެ.
ކޮލިފިކޭޝަންގައި ރާއްޖެ ކުޅޭ ދެވަނަ މެޗު ވެރިރަށް މާލޭގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ 10 ވަނަ ދުވަހު ކުޅޭ މިމެޗުގައި ރާއްޖެ ނުކުންނާނީ ޗައިނާއާއި ދެކޮޅަށެވެ.



