ވޯލްޑްކަޕް ކޮލިފައިންގައި މިއަދު ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން ގުއާމްގެ މައްޗަށް ކުރި ހޯދައި ރާއްޖެއިން ތިން ވަނަ ބުރުން ސީދާ ޖާގައެއް ހޯދުމުގެ އުއްމީދު އާކޮށްފިއެވެ.
ޢަލީ އަޝްފާޤު (ދަގަނޑޭ) ހިމަނައިގެން ވަރުގަދަ އެޓޭކިން ޓީމަކާއެކު، މެޗުން މޮޅުވުމަށް ނުކުތް ރާއްޖެއިން މެޗުގެ ފުރަތަމަ ލަނޑުޖާފައިވާއިރު މިލަނޑު ކާމިޔާބުކޮށްދީފައިވަނީ ސަމޫހު އަލީ (ސަމުއްޓެ) އެވެ. މެޗުގެ 23 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ދަގަނޑޭ ކޯނަރަކުން ހުރަސްކުރި ބޯޅަ ހުހަށް ފުންމައިގެން އަރައި ސަމޫޙު ބޮލުން ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް އޭގެ ކުޑަ އިރުކޮޅެއް ފަހުން ސަމޫޙުގެ ކުޑަހުޅަށް އަނިޔާވުމާއި ގުޅިގެން އޭނާވަނީ ބަދަލުކޮށްފައެވެ.

އަދި މެޗުގެ 38 ވަނަ މިނަޓްގައި ގުއާމްގެ ޓްރަވިސް ނިކޮލާ ދިފާއުކުރަން ޖެހި ބޯޅަ ބައިކޮޅަށް ވަދެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖެއަށް ލީޑު އިތުރަށް ފުޅާވިއެވެ.
ނަމަވެސް ދެވަނަ ހާފަށް ނުކުމެ ގުއާމުން ރާއްޖެ ސިއްސުވާލާފައިވަނީ ދެވަނަ ހާފުގެ ފުރަތަމަ ދިހަވަނަ މިނަޓްގައި ލަނޑެއްޖަހައި ފަރަގު ކުޑަކުރުމާއެކުގައެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ރާއްޖޭގެ ތިން ޑިފެންޑަރުން ސަމާލުވެގެން ތިއްބާ ބޮލުން ގޯލުގެ ދުރު ކަނަށް ވައްދާލީ ގުއާމްގެ ޖޯން މަޓްކިންއެވެ.
ރާއްޖޭގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ދަގަނޑޭ ކާމިޔާބުކޮށްދީފައިވާއިރު، މިލަނޑަކީ ދަގަނޑޭ ކުރިއަށް އެރި ބޯޅަ އޭނާ އަށް ލިބުމުގެ ކުރިން ގުއާމްގެ ގޯލްކީޕަރު ދިފާޢުކުރި ވަޤުތު ދަގަނޑޭގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެ ގޯލަށް ވަތް ލަނޑެކެވެ. މިއީ އަލީ އަޝްފާގް (ދަގަނޑޭ) ދެ އަހަރު ތެރޭ ގައުމީ ޖާޒީގައި އަމިއްލަ ދަނޑުގައި ޖެހި ފުރަތަމަ ލަނޑެވެ.
މީގެއިތުރުންވެސް ލަނޑުޖަހާނެ ފުރުޞަތުތައް ލިބިގެން ގޮސްފައިވާއިރު، ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ދަގަނޑޭއަށް ލިބުނު ރަނުގެ ފުރުސަތު ފާހަގަކޮށްލެވެއެވެ.
#WCQ FULL TIME
— FIFAWorldCup (@FIFAWorldCup) November 19, 2019
?? Maldives 3-1 Guam ??
Maldives pick up their second win in Group A
? Scores and more from 2022 Asian #WorldCup qualifying ?
ކޮލިފައިންގައި ރާއްޖޭން މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ ގުއާމާ ވާދަކުރި ދެ މެޗުންނެވެ. ޤައުމުން ބޭރުގައި ކުޅުނު އެމެޗު ރާއްޖެއިން ކާމިޔާބުކުރީ 1-0 އިންނެވެ.
ފަސް މެޗުން ލިބުނު 6 ޕޮއިންޓާއެކު ރާއްޖެ އޮތީ މިގްރޫޕްގެ ހަތަރު ވަނާގައެވެ.
ގްރޫޕުގެ އެއް ވަނަ ޓީމަށް އޭޝިއަން ކަޕުން ސީދާ ޖާގައެއް ލިބޭއިރު ދެ ވަނަ ޓީމަށް ފަހަރުގައި އޭޝިއަން ކަޕުން ނުވަތަ ދަށްވެގެން ކޮލިފައިންގެ ތިން ވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ. ގްރޫޕުގެ ތިން ވަނަ ޓީމަށް ތިން ވަނަ ބުރުން ސީދާ ޖާގައެއް ލިބޭނެ އެވެ. ގްރޫޕުގެ ހަތަރު ޓީމަށް ފަހަރުގައި ތިން ވަނަ ބުރުން ނުވަތަ ދަށް ވެގެން ތިން ވަނަ ބުރުގެ ޕްލޭއޮފުން ފުރުސަތު އޮންނާނެ އެވެ. އެންމެ ފުލަށް ދާ ޓީމެއް ޖެހޭނީ ޕްލޭ އޮފުގައި ކުޅޭށެވެ. ޕްލޭއޮފުން މޮޅުވެއްޖެ ނަމަ ތިން ވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ. ނޫންނަމަ ޖެހޭނީ ވަކިވާށެވެ.




