"މެސީގެ ފެންވަރު ދުނިޔޭގެ %90 އަށްވުރެ ގިނަ މީހުންނަށް އެނގޭނެ"

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ލިއޮނަލް މެސީއަކީ ކިހާ ފެންވަރެއްގެ ކުޅުންތެރިއެއްކަން ދުނިޔޭގެ 90 ޕަސެންޓަށްވުރެ ގިނަ މީހުންނަށް އެނގޭނެކަމަށް އާޖެންޓީނާގެ މެދުތެރެއަށް ކުޅެމުން އަންނަ ޒުވާން ލޫކަސް އޮކަމްޕޯސް ބުނެފިއެވެ.

އޮކަމްޕޯސް މިހެން ބުނެފައިވަނީ ޤައުމީޓީމާއެކު އެކަށީގެންވާ ކުޅުމެއް ނުދެއްކޭކަމަށްބުނެ މެސީއަށް އަމާޒުވެފައިވާ ފާޑުކިއުންތައް އިތުރުވެފައިވާ ދުވަސްވަރެއްގައެވެ.

މެސީ އާޖެންޓީނާގެ ސީނިއާ ޓީމާއެކު ތިން ފައިނަލަކަށް ދަތުރުކޮށްފައިވާއިރު، އެތިން ފައިނަލްގައިވެސްވަނީ ނާކާމިޔާބީއާއި ކުރިމަތިލާންޖެހިފައެވެ.

"އަހަރެން ދެކޭގޮތުގައި އާޖެންޓީނާއަކީ މެސީއަށް ފާޑުކިއާ މަދު ޤައުމުތަކުގެ ތެރޭގައި. މެސީއަކީ ކިހާ ފެންވަރެއްގެ ކުޅުންތެރިއެއްކަން ދުނިޔޭގެ 90 ޕަސެންޓަށްވުރެ ގިނަ މީހުންނަށް އެނގޭނެ." އޮކަމްޕޯސް ބުންޏެވެ.

މިނިމުނު ހޫނު މޫސުމުގެ ޓްރާންސްފާގައި ސެވިއްޔާއާއި ގުޅުނު އުމުރުން 25 އަހަރުގެ އޮކަމްޕޯސް އެކްލަބުގައި ތަފާތު ކުޅުމެއް ދައްކަމުން އަންނައިރު، އާޖެންޓީނާގެ ސީނިއާ ޓީމަށް ކުޅުމުގެ ފުރުޞަތު އަދިވަނީ ލިބޭގޮތްނުވެފައެވެ. މިހިނގާ ސެޕްޓެމްބަރު މަހު އާޖެންޓީނާއިން ރަޙްމަތްތެރިކަމުގެ ދެމެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، ޗިލީ އަދި މެކްސިކޯއާއި ބައްދަލުކުރާ މިދެމެޗުން އޮކަމްޕޯސްއަށް ފުރުޞަތު ގެއްލިފައިވަނީ ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ