ޕްރިސީޒަންގެ މެޗުތައް ކުޅެމުން ދަނިކޮށް އަނިޔާވި އެޑަން ހަޒާޑު ރެއަލްމެޑްރިޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެއެވެ.
ހަޒާޑުގެ ކުޅުން ދެކިލަށް ކެތްމަދުވެފައިހުރި ސަޕޯޓަރުން މިއީ ހަމަޤައިމުވެސް އުފާވެރި ޚަބަރަކަށް ވެގެންދާނެއެވެ.
ރެއަލްމެޑްރިޑާއެކު ހުކުރު ދުވަހުގެ ފަރިތަކުރުންތަކުގައި ހަޒާޑު ބައިވެރިވެފައިވާއިރު، ކުރިއަށްއޮތް ރެއަލްމެޑްރިޑްގެ މެޗުގައި ހަޒާޑު ފެނިގެންދާނެކަށް އަދި ކަށަވަރެއްނުވެއެވެ. ރެއަލްމެޑްރިޑްގައި ދަނޑުގައި ލެވެންޓޭއާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މިމެޗު އޮންނާނީ މިމަހު 14 ވަނަ ދުވަހުގެ ހަވީރު 04:00 ގައެވެ.
މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅުކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހަޒާޑު 100 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުން އިންގްލޭންޑްގެ ޗެލްސީ ދޫކޮށް ސްޕެއިންގެ ރެއަލްމެޑްރިޑާއި ގުޅުނީ މިދިޔަ ޖޫންމަހުއެވެ.
ޕްރިސީޒަންގައި ހަޒާޑު ރެއަލްމެޑްރިޑުގެ 50 ނަންބަރު ޖާޒީގައި ފެނިގެންގޮސްފައި ވީނަމަވެސް، ރަސްމީކޮށް ހަޒާޑު ރެއަލްމެޑްރިޑުން ފެނިގެންދާނީ އެކްލަބުގެ 7 ނަންބަރު ޖާޒިގައެވެ.
ހަޒާޑުގެ އިތުރުން ރެއަލްމެޑްރިޑުގެ މެދުތެރެއަށް ކުޅެމުން އަންނަ އިސްކޯއަށްވެސް ލިބިފައިވާ އަނިޔާ ރަނގަޅުވަމުން އަންނަކަމަށް އެކްލަބުންވަނީ ބުނެފައެވެ.




