ޔޫއެފާ ޔޫރޯ ކޮލިފައިން ރޭ ކުޅުނު މެޗުގައި ވަރުގަދަ ޖަރުމަނީ ބަލިކޮށް ޒުވާން ނެދަލެންޑް ޓީމުން އުންމީދު އާކޮށްފިއެވެ.
ޖަރުމަނުގައި ކުޅެވުނު މިފޯރިގަދަ މެޗު ނެދަލެންޑްސްއިން ކާމިޔާބުކޮށްފައިވަނީ 2-4 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ވަރަށް ކުރީކޮޅު ޖަރުމަނުންވަނީ ލަނޑެއްޖަހައި ލީޑު ނަގައިފައެވެ. މެޗުގެ 9 ވަނަ މިނަޓްގައި ސާގެ ގްނަބްރީ ޖަހައިދިން މިލަނޑާއެކު ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ޖަރުމަނު ކުރީގައި އޮވެގެންނެވެ.
މުޅިން އާހިތްވަރަކާއެކު ދެވަނަ ހާފަށް ނުކުތް ނެދަލެންޑްސްއިންވަނީ ކުޅުން ރަނގަޅުކޮށް ޖަރުމަނަށް ޕްރެޝަރުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެއްޓި ގިނައިރުތަކެއްނުވަނީސް ފްރެންކީ ޑެހޮން ޖަހައިދިން ލަނޑަކާއެކު މެޗުގެ ނަތީޖާ ހަމަހަމަ ވެގެންދިޔައެވެ.

އަދި އޭގެ ކުޑައިރުކޮޅެއް ޖަރުމަނުގެ ޖޮނަތަން ޓާ އަތުން ބައިކޮޅަށް ވަތް ލަނޑަކާއެކު ނެދަލެންޑަށް ލީޑު ލިބިގެންދިޔައެވެ. ނަމަވެސް މިލީޑުގައި ނެދަލެންޑަށް ހިފަހައްޓާލެވުނީ ނުވަވަރަކަށް މިނަޓްއެވެ. ލިބުނު ޕެނަލްޓީއަކުން ޖަރުމަނުގެ ޓޯނީ ކްރޫސް ލަނޑެއްޖަހައި އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.
ދެޓީމުގެ ފަރާތުންވެސް ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗު ނެދަލެންޑްސް އަނެއްކާވެސް ލީޑަށްއައީ 79 ވަނަ މިނަޓްގައި ޑޮންޔެލް މަލެން ޖަހައިދިން ލަނޑަކާއެކުއެވެ. އަދި ނެދަލެންޑަށް މެޗު އިތުރަށް ކަށަވަރުވެގެން ދިޔައީ މެޗުގެ އިތުރު ވަގުތުގައި ވައިނަލްޑަމް ޖަހައިދިން ލަނޑާއެކުއެވެ.
ރޭގެ މިމޮޅާއެކު ނެދަލެންޑްސްއަށް ތިން މެޗުން ހަޕޮއިންޓް ލިބޭއިރު، އެޓީމު އޮތީ މިގްރޫޕްގެ ތިންވަނައިގައެވެ. 12 ޕޮއިންޓާއެކު ނޯދާން އަޔާލެންޑަށް ގްރޫޕްގެ އެއްވަނަ ލިބޭއިރު ޖަރުމަނަށް ދެވަނަ ލިބެނީ 9 ޕޮއިންޓާއެކުގައެވެ. މިދެޓީމުވެސް މިހާތަނަށް ޖުމްލަ 4 މެޗު ކުޅުފައިވާކަން ފާހަގަކޮށްލެވެއެވެ.



