އަލްބޭނިއާ ބަލިކޮށް ފްރާންސް ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ޔޫރޯ 2020 އަށް

ޔޫއެފާ ޔޫރޯ ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗުގައި އަލްބޭނިއާ ބަލިކޮށް ފްރާންސް ގްރޫޕްގެ އެޗް ގެ އެއްވަނައިގެ ގޮތުގައި ޔޫރޯ 2020 އަށް ކޮލިފައިވެއްޖެއެވެ.

ދެޓީމުގެ ފަރާތުންވެސް ވަރަށް ހަމަހަމަކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ވަރަށް ކުރީކޮޅު ފްރާންސްއިން ލީޑު ނަގާފައިވާއިރު، މެޗުގެ 8 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކޮރެންޓިން ޓޮލީސޯ ކާމިޔާބުކޮށްދީފައިވަނީ ގްރިޒްމަންގެ ހިލޭ ޖެހުމަކުން ބޮލުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއްޖަހައި ފްރާންސްއިންވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މެޗުގެ ލިއޯ ޑުބިއޯ ތިރިތިރިން ދިން ހުރަހަކަށް އަރައި ބާރު ސްޕީޑްގައި ގޯލްގެ ތިރީކަނަށް ފޮނުވާލި ބޯޅައާއެކު ގްރިޒްމަން ކާމިޔާބުކުރި މިލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 31 ވަނަ މިނަޓްގައެވެ.

މެޗުގައި ލަނޑު ޖަހާނެ އިތުރު ފުރުޞަތުތައް ދެޓީމަށްވެސް ލިބިގެންދިޔަނަމަވެސް މެޗު ނިމިގެން ގޮސްފައިވަނީ އިތުރު ލަނޑެއް ނުފެނި 2-0 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ.

ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން 8 މެޗު ފްރާންސްއިން ކާމިޔާބުކޮށްފައިވާއިރު، 1 މެޗުން އެއްވަރުވެ، 1 މެޗުން ބަލިވެފައިވެއެވެ. ފްރާންސް ބަލިވެފައިވަނީ ތުރުކީ އަތުންނެވެ. ތުރުކީގައި ކުޅެވުނު އެމެޗުން ފްރާންސް ބަލިވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ޖުމްލަ 25 ޕޮއިންޓާއެކު ގްރޫޕް އެޗް ގެ އެއްވަނާއިގެ ގޮތުގައި ފްރާންސް ޔޫރޯ 2020އަށް ކޮލިފައިވެފައިވާއިރު، 23 ޕޮއިންޓާއެކު މިގްރޫޕްގެ ދެވަނާގައި އުޅެނީ ތުރުކީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ