ރައީސް ޔާމީންގެ ހަތް ލަނޑާއެކު އަރިއަތޮޅު މަހިބަދޫގައި ބަލިކުރި ފުޓްބޯޅަ މެޗަށް، ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު ޢަލީ ޞޯލިޙް ފާޑުވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ، ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު ޢަލީ ޞޯލިޙް ވިދާޅުވީ، އަރިއަތޮޅުން ރައީސް ޔާމީނަށް ދޭނެ ޖާގައެއް ނެތްކަމަށާއި، އެމަނިކުފާނު ޖައްސަވާ ހިސާބު ރަނގަޅު ނޫން ކަމަށެވެ.
"7-0 އިން އަކުންބަކުން ކުޅުއްވާ މޮޅުވިޔަސް ވެރިކަން ކުރައްވަން ހަމަ ސުމެއް." މަހިބަދޫ ގޯލަށް ރައީސް ޔާމީން އަމާޒުކުރެއްވި ހަތް ގޯލަށް، ސިޔާސީގޮތުން ފާޑުވިދާޅުވެ ޢަލީ ޞޯލިޙް ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ ރައްޔިތުންގެ ފައިސާއަށް ބޮޑުތަނުން އިސްރާފް ކުރައްވާފައި ކަމަށާއި، ރައީސް ޔާމީނަށް ދެން ދޭންޖެހޭނެ ޖާގައެއް ނެތްކަމަށް ޢަލީ ޞޯލިޙް ވިދާޅުވިއެވެ.
"ޔާމީނާއެކު އުޅޭ ޓީމުގައި ރައްޔިތުން ބަލައިގެންފައިވާ ބޭފުޅަކު ނެތް." ޕްރޮގްރެސިވް ކޯލިޝަނަށް ފާޑުވިދާޅުވެ ޢަލީ ޞޯލިޙް ވިދާޅުވިއެވެ.
ޢަލީ ޞޯލިޙް އިތުރަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީ އަބަދުވެސް ބަލާނީ ރައްޔިތުންގެ އިހުސާސް ކަމަށެވެ.



