ޔޫރޯ ކޮލިފައިން - ކޭންގެ ހެޓްރިކާއެކު ބަލްގޭރިއާ ބަލިކޮށް އިންގްލޭންޑް ގުރޫޕްގެ 1 ވަނާގައި

ޔޫއެފާ ޔޫރޯ ކޮލިފައިންގެ ރޭ ކުޅުނު މެޗުގައި އިންގްލޭންޑްގެ އިތުބާރު ފޯވާޑު އަދި ކެޕްޓަން ހެރީކޭން ހެދި ހެޓްރިކާއެކު ބަލްގޭރިއާ ބަލިކޮށް ގުރޫޕްގެ 1 ވަނާގައި ހިފަހައްޓާލައިފިއެވެ.

އަމިއްލަ ޤައުމުގައި ކުޅުނު މިމެޗު ފަސޭހަ ކަމާއެކު އިންގްލޭންޑުން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.

ހުރިހާ ގޮތަކުންވެސް މެޗު ކޮންޓްރޯލްކުރި އިންގްލޭންޑްގެ ކޭން މެޗުގައި ހެޓްރިކެއް ހަދާފައިވާއިރު، އެޓީމުގެ އަނެއް ލަނޑު ޖަހައިދިނީ ރަހީމް ސްޓާލިންއެވެ.

މެޗަށްފަހު އިންގްލޭންޑް ކޯޗު ސައުތުގޭޓްވަނީ އެޓީމުގެ ޒުވާން ކުޅުންތެރިން ތަޢުރީފު އަދާކޮށްފައެވެ. ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗަށްފަހު ވާހަކަ ދައްކަމުން ސައުތުގޭޓު ބުނީ އެކުޅުންތެރިންނަކީ ޓީމުގައި ހިމެނުން ޙައްޤު ކުޅުންތެރިންކަމަށްވާއިރު، އެކުޅުންތެރިން އެކުޅެނީ ހަމައެކަނި ގޭގައި ބަހައްޓާލާ ފޮޓޯއަކަށްޓަކައި ނޫންކަމަށެވެ.

ރޭ ފެނިގެންދިޔަ އިންގްލޭންޑް ޓީމުގެ އެވަރެޖް އުމުރަކީ 25 އަހަރެވެ.

ޗެލްސީއަށް ކުޅެމުން އަންނަ މޭސަން މައުންޓް ރޭ ފުރަތަމަ ފަހަރަށް އިންގްލޭންޑްގެ ސީނިއާ ޓީމަށް ކުޅެފައިވާއިރު މިއީ ސައުތުގޭޓް ޓީމުން ދާދިފަހުން ފުރުޞަތު ދިން ކުޅުންތެރިއެކެވެ.

ރޭ ލިބުނު މޮޅާއެކު ކުޅުނެ ތިން މެޗުންވެސް މޮޅުވެ 9 ޕޮއިންޓާއެކު އިންގްލޭންޑަށް ގްރޫޕްގެ އެއްވަނަ ލިބޭއިރު، ދެވަނާގައި އޮތް ކޮސޯވޯއަށް ހަތަރު މެޗުން ލިބިފައިވަނީ 8 ޕޮއިންޓެވެ. ކުރިއަށްއޮތް މެޗުގައި މިދެޓީމު ބައްދަލުކުރާއިރު އެމެޗުކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ 11:45 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ