ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ބެލްޖިއަމްއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އިންގްލޭންޑުން ލީގު އޭ ގެ ގްރޫޕް 2 އެއްގެ އެއްވަނައަށް ޖެހިލައިފިއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗު އިންގްލޭންޑުން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށުމާއެކު ވަރުގަދަ ބެލްޖިއަމްއިން އިންގްލޭންޑަށް ނުރައްކާ ކުރަން ފެށިއެވެ. އަދި މެޗު ފެށިތާ މާގިނައިރު ނުވަނީސް ބެލްޖިއަމްއިންވަނީ ލަނޑެއްވެސް ކާމިޔާބުކޮށްފައެވެ. ނަމަވެސް ކަރެސްކޯ އެލަނޑު ކާމިޔާބުކުރި އިންގްލޭންޑް ކީޕަރު ޕިކްފޯޑޫ ކުރިމަތީ ހުރި ކަސްޓަންގޭ އޮފްސައިޑުގައި ހުރުމުން އެލަނޑުވަނީ ކެންސަލްކޮށްފައެވެ.
އަދި އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ބެލްޖިއަމްއިން ލީޑު ނެގީ ލުކާކޫއަށް އިންގްލެންޑްގެ ޑިފެންޑަރު ޑަޔާކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 16 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮށްދިނީވެސް ލުކާކޫއެވެ. މިއީ ބެލްޖިއަމް ޤައުމީ ޓީމަށް ލުކާކޫ ކާމިޔާބުކޮށްއިން 53 ވަނަ ލަނޑެވެ. އަދި އެންމެފަހުން ބެލްޖިއަމްއަށް ކުޅެދިން 11 މެޗުން ލުކާކޫވަނީ 13 ލަނޑު ކާމިޔާބުކޮށްފައެވެ.
???????????????????????????? Mount the match-winner as England beat Belgium 2-1 and go top of Group 2 ????#NationsLeague | @England pic.twitter.com/Y501b2iBem
— UEFA Nations League (@EURO2020) October 11, 2020
ދެޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންގްލޭންޑުން ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. ކޯނަރެއް ނެގުމުގެ ތެރޭގައި މެއުނިއާ އިންގްލޭންޑްގެެ މެދުތެރެއަށް ކުޅޭ ހެންޑާސަން ކޮނޑުއަޅައި އޭރިއާތެރެއަށް ވައްޓާލުމާއި ގުޅިގެން ލިބުނު މި ޕެނަލްޓީ ކާމިޔާބުކުރީ ރަޝްފޯޑެވެ.
އަދި ދެވަނަ ފަހަރަށް ލީޑު ނަގަށް ބެލްޖިއަމްއަށް ލިބުނު ރަނުގެ ފުރުޞަތުގައި ހުހަށްހުރި ކަރެސްކޯ ފޮނުވާލި ހަމަލާދިޔައީ ގޯލާއި އަމާޒުނުވެއެވެ.
މެޗުގައި އިންގްލެންޑުން މޮޅުވި ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 64 ވަނަ މިނަޓްގައެވެ. މިލަނޑަކީ ޒުވާން މޭސަން މައުންޓް ފޮނުވާލި ހަމަލާއެއް ބެލްޖިއަމްގެ ޑިފެންޑަރު އަލްޑަވެރެލްޑްގެ ފައިގައި ޖެހި މަތިމަތިން ގޯލްގެ އަރިމަތީ މަތީ ކަނަށް އޮހުނު ބޯޅައަކުން ވަތް ލަނޑެކެވެ.
މިމޮޅާއެކު އިންގްލޭންޑުން ގްރޫޕްގެ އެއްވަނާގައި އޮތީ 7 ޕޮއިންޓާއެކުގައެވެ. ދެވަނާގައި އޮތް ބެލްޖިއަމްއަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. އަދި 4 ޕޮއިންޓާއެކު ތިން ވަނާގައި ޑެންމާކް އޮތްއިރު ފުލުގައި އޮތް އައިސްލޭންޑަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.



