ޔޫއެފާ ޔޫރޯ ކޮލިފައިންގައި ރޭ އަލްބޭނިއާއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭޙަކަމާއެކު ފްރާންސްއިން ކާމިޔާބުކޮށްފިއެވެ.
ފްރާންސްގައި ކުޅުނު މިމެޗު 4-1 ގެ ނަތީޖާއަކުން އެޓީމު ކާމިޔާބުކޮށްފައިވާއިރު، އެޓީމަށް ކުޅުނު އުމުރުން 21 އަހަރުގެ ޖޮނަތަން އިކޮންވަނީ ރޭގެ މެޗުގައި ލަނޑެއްޖަހާފައެވެ. މިއީ އިކޮން ފްރާންސް ޖާޒީގައި ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. އިކޮން ލަނޑުޖަހާފައިވަނީ އޭނާ ކުޅެން ނުކުތްތާ 8 ވަނަ މިނަޓްގައެވެ.
އަދި މިއީ ހުވަފެނެއް ޙަޤީޤަތަކަށްވުން ކަމަށްވެސް އިކޮން މެޗަށްފަހު ވާހަކަ ދައްކަމުން ވަނީ ބުނެފައެވެ.
ފްރާންސްގެ އަނެއް ލަނޑުތައް ޖަހާދީފައިވަނީ ކިންގްސްލޭ ކޯމަންއާއި އޮލިވާ ޖިރޫޑެވެ. ކޯމަން ރޭގެ މެޗުގައި ފްރާންސަށް ދެލަނޑު ކާމިޔާބުކޮށްދީފައިވާއިރު، ކޯމަންގެ ފަރާތުންވަނީ ވަރަށް ހިތްގައިމު މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.

މެޗުގައި އަލްބޭނިއާއިން ޖެހި ހަމއެކަނި ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 90 ވަނަ މިނަޓްގައެވެ. ލިބުނު ޕެނަލްޓީއަކުން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސޯކޯލް ސިކަލެޝީއެވެ.
ރޭގެ މެޗުން މޮޅުވެ ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކު ފްރާންސަށް ގްރޫޕްގެ އެއްވަނަ ލިބެނީ ފައިދާ 12 ގޯލާއެކުގައެވެ. ގްރޫޕްގެ ދެވަނާގައި އޮތް ޓާކީ އަދި އައިސްލޭންޑުވެސްވަނީ ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ހޯދާފައެވެ. ނަމަވެސް ޓާކީއަށް ފައިދާ 8 ގޯލް ލިބޭއިރު އައިސްލޭންޑް އަތުގައި އޮތީ ފައިދާ 3 ގޯލެވެ.



