ރަނީހުނުކޮށް ކަނޑުމަތީގައި މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެެރިޔާ އަހްމަދު ރިލްވާން ޢަބްދުﷲ ގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ރައްޔިތުންތުގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީއަށް) ހާޒިރުކުުރުމަށް މިއަދު ތާވަލް ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ، ރިޟްވާންގެ މަރުގެ މައްސަލައިގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން 2019 ސެޕްޓެމްބަރު 1 ވަނަ ދުވަހު އާއްމުކުރައްވާފައިވާ މައުލޫމާތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެ ކޮމިޝަނުގެ ބޭފުޅުން 241 ކޮމެޓީއަށް މިއަދު ވަޑައިގަންނަވާނެ ކަމަށެވެ.
މި ބައްދަލުބުން ބޭއްވުމަށް ފުރަތަމަ ތާވަލުކުރީ މިއަދު ހެނދުނު 10:00 އަށް ނަމަވެސް ފަހުން ވަނީ އެ ބައްދަލުވުން މިއަދު މެންދުރުފަހު 02:00 އަށް ފަސްކޮށްފައެވެ.
ކޮމިޝަންގެ ތަހުގީގު ރިޕޯޓުން އެނގޭ ގޮތުގައި ރިލްވާން ގެއްލުވާލުމުގެ ދެ މަހެއްހާ ދުވަސް ކުރިން ދެ ފުލަހަކު ވަނީ ރިލްވާނަށް ފާރަލައި، ދައުލަތާ އިދިކޮޅު ހަރަކާތް ހިންގާ ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއް މެދުވެރިކޮށް ރިލްވާންގެ ފޯނު ކޯލުތައް ވެސް އަޑުއަހާފައެވެ.
ހަމައެއާއެކު ރިލްވާން ގެއްލުވާލިފަހުން، ރިލްވާން ރާއްޖެއިން ބޭރަށް ގޮސް ހަނގުރާމާގައި މަރުވެފައިވާ ކަމަށް ދެއްކުމަށްޓަކައި އޭނާގެ ޕާސްޕޯޓުގެ ކޮޕީއެއް ހޯދުމަށް ދެ ފުލުހުން މަސައްކަތް ކުރި ކަން ތަހުގީގު ރިޕޯޓުން އެނގެ އެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ފުލުހުން ހިފާ ހައްޔަރުކޮށްފައި ނުވާ މައްސަލައިގައި ދައުލަތުގެ މުއައްސަސާތަކުން ބުނަމުންދާ ގޮތް ތަފާތުއިރު، ބައެއް ފަރާތްތަކުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



