ރިޟްވާން މައްސަލާގައި ބައެއް ފަރާތްތަކުން ހެކިބަސްދިނުމަށް އިންކާރުކޮށްފައިވޭ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލައިފައިވާ މައްސަލާގައި ބައެއް ފަރާތްތަކުން ހެކިބަސް ދިނުމަށް އިންކާރުކޮށްފައިވާކަމުގައި މަރުކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ފޮނުވާފައިވާ ސިޓީގައި ބަޔާން ކުރައްވާފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ، މަރުކޮމިޝަންގެ ސިޓީއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީގެ މުޤައްރިރަށް، އެމަނިކުފާނު ފޮނުވާފައިވާ ސިޓީގައެވެ.

މި ސިޓީގައި ވިދާޅުވެފައިވަނީ ޑރ. އަފްރާޝިމް ޢަލީ އާއި، ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި އަދި އަޙްމަދު ރިޟްވާން ގެއްލުވާލައިފައިވާ މައްސަލައިގެ ފަހަތުގައި ތިބީ އިސްލާމް ދީނުގެ ނަމުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ ފަރާތްތަކެއްކަން މަރު ކޮމިޝަންގެ ސިޓީގައި ފާހަގަ ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލާފައިވަނީ އެބޭފުޅާ ޝިރުކުކުރިކަމުގެ ތުހުމަތުގައިކަމަށާއި، ރިޟްވާން ޢަބްދުﷲ ގެއްލުވާލައި، ޔާމީން ރަޝީދު މަރާލައިފައިވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި ކަމަށްވެސް މަރުކޮމިޝަންގެ ސިޓީގައި ބަޔާން ކުރައްވާފައިވާކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރިޟްވާން ޢަބްދުﷲ ގެއްލުވާލައިފައިވާ މައްސަލައިގެ ޕްރިލިމިނަރީ ރިޕޯޓް އާންމުވުމާއި ގުޅިގެން ކޮމިޝަނަށް ހެކިބަސްދޭން ތިބި ބައެއް ފަރާތްތަކުން ހެކިބަސްދިނުމަށް އިންކާރުކޮށްފައިވާކަމަށް މަރުކޮމިޝަނުން ވިދާޅުވެފައިވާކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ މީހަކާއި ދެކޮޅަށް ހިންގޭ ކުށެއްގައި، އެކުށް ކުރިކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލުން ބިނާވެފައިވާނީ ބަޔަކުދޭ ހެކިބަހެއްގެ މައްޗަށް އެކަނި ކަމުގައި ދެކެން ދަތިކަމަށެވެ. އަދި ހެކިބަސް ދޭން ތިބި ފަރާތްތަކުގެ ތެރެއިން ބަކި ބަޔަކު ހެކިބަސްދޭން އިންކާރު ކުރުމުން އެމައްސަލަ ސާބިތުވާ މިންވަރަށް ޝަފަހީ ހެއްކާއި މާއްދީ ހެކި ލިބިފައި ނުވާކަމަށް ދެކެންވެސް ދަތިކަމަށެވެ.

މި މައްސަލަތަކުގެ ޚުލާސާ ރިޕޯޓަށް ބަލާއިރު، ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތެއްގެ މައްޗަށް ދަޢުވާ ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވިނަމަވެސް އެކުށް ކުރަން އެފަރާތް އުޅުނުކަން ނުވަތަ އެކުށް ކުރުމުގައި އެހީތެރިވެދިންކަން ސާވިތުވާ މިންވަރަށް ހެކިލިބިފައި ނުވާކަން ޤަބޫލުކުރަން ދަތިކަމުގައިވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ