ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙީމްގެ އެޑްވައިޒަރުގެ މަޤާމުގައި ހުންނަވައިގެން ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، އިދިކޮޅު ލިޑަރ ކުރީގެ ރައީސް ޔާމީންގެ ކެމްޕެއިންގައި ބައިވެރިވެފައިވާތީ، ޖަމީލްގެ ޞުލޫކީ މައްސަލަ ބައްލައިދެއްވުމަށް ޖޭޕީގެ ކައުންސިލް މެންބަރު މުޙައްމަދު ސައީދު އެދިވަޑައިގެންފިއެވެ.
ޞައީދު މިއަދު ޖުމްހޫރީ ޕާޓީގެ ލީޑަރަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ޑރ. ޖަމީލް، ސެޕްޓެންބަރ މަހުގެ 5 އަދި 6 ވަނަ ދުވަހު އިދިކޮޅު ލީޑަރ ކުދީގެ ރައީސް ޔާމީންއާއެކު، އދ. އަތޮޅުގެ ބައެއް ރަށްރަށަށް އިދިކޮޅު ކޯލިޝަން ޕްރޮމޯޓް ކުރުމަށް ދަތުރު ކުރެއްވުމަކީ، ޖޭޕީގެ އަސާސީ ޤަވާއިދުގެ 66 ވަނަ މާއްދާގެ (ށ)، (ނ) އަދި (ރ) އާއި ޚިލާފު ކަމެއް ކަމަށެވެ.
އެހެން ކަމުން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙީމްގެ އެޑްވައިޒަ، ޑރ. ޖަމީލްގެ މައްސަލަ ބައްލަވައި ދެއްވުމަށް ޞައީދު ވަނީ އެދިފައެވެ.
ޞައީދު އިތުރަށް ބުނެފައިވަނީ ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވުމުގެ އިތުރުން ޖުމްހޫރީ ފިކުރަކީ ރައްޔިތުންގެ މެދުގައި މަޤްބޫލު ފިކުރަކަށް ހަދައި، އެފިކުރު ދިރުވާ އާލާ ކުރުމަށާއި، ޕާޓީވަރުގަދަކޮށް މެންބަރ ޝިޕް އިތުރުކުރުމަށް މަނިކުފާނު އިސްވެ ހުންނަވައި ބުރަ މަސައްކަތްތަކެއް ފައްޓަވާފައިވާ މި ދަނޑިވަޅުގައި، އެޑްވައިޒަރުގެ މަޤާމުގައި ހުންނަވައިގެން ޖަމީލް ޕާޓީގެ ޢިއްޒަތާއި ޤަދަރަށް އުނިކަން ލިބޭ ގޮތަށް އަމަލު ކުރައްވަމުން ގެންދަވާތީ، ޖަމީލް އެޑްވައިޒަރުކަމުގެ މަޤާމުގައި ބަހައްޓަން އެކަށީގެން ނުވާކަމަށެވެ. އަދި އެޑްވައިޒަރުކަމުގެ މަޤާމުން ޖަމީލް ވަކިކޮށްދެއްވުމަށް ވެސް ސައީދު ވަނީ އެދިލައްވާފައެވެ.
ޖަމީލު ވަނީ މިހާރުގެ ސަރުކާރަށް ފާޅުކަން ބޮޑު ގޮތެއްގައި ފަޑު ވިދާޅުވެފައެވެ. އަދި އިދިކޮޅުން ބާއްވާ ހަރަކާތްތަކުގައި ޖަމީލު އަންނަނީ ބައިވެރިވެ ވާހަކަ ދައްކަވަމުންނެވެ.




