އިންގްލޭންޑްގެ ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ތަރި މުޙައްމަދު ސަލާޙު ގޯލްކުރިމަތީ އޭނަގެ އަމިއްލަ އެދުން ކުޑަކޮށްފިނަމަ، ބާސެލޯނާގެ ކެޕްޓަންގެ ލިއޮނަލް މެސީއާއި އެއްފެންވަރަކަށް އާދެވިދާނެކަމަށް ކުރިން އާސެނަލްއަށް ކޯޗުކޮށްދިން ވެންގާ ބުނެފިއެވެ.
އާސެނަލްއަށް ކުރިން ކޯޗުކަން ކޮށްދިން ވެންގާ ދެކޭގޮތުގައި މެސީއާއި އެއްފަދަ ކުޅުމެއް ކުޅެމުން އަންނަ ސަލާޙް އޭރިއާ ތެރޭގައި ބޯޅަ ޕާސްކުރަންޖެހޭ ހާލަތުގައި ޕާސްކޮށް އަދި ޝޫޓް ކުރަންޖެހޭ ޙާލަތްތަކުގައި ޝޫޓުކުރާނަމަ ސަލާޙްގެ ނަމުގައި އިތުރު ގޯލްތަކެއް ރަޖިސްޓްރީ ވެގެންދާނެއެވެ.
"ސަލާޙްއަކީ މެސީފަދަ ހުނަރުވެރި މޮޅު ގޯލް ޖެހުންތެރިއެއް. އެކަމު ފައިނަލް ބޯޅައިގައި އޭނާ އެބަ ރަނގަޅު ކުރަންޖެހޭ." ވެންގާ ބުންޏެވެ.
ރޯމާ ދޫކޮށް ލިވަޕޫލާއި 2017 ވަނަ އަހަރު ގުޅުނަ ސަލާޙް ލިވަޕޫލްގައި މޮޅުކުޅުމެއް ދައްކަމުންދާއިރު، ނިމިދިޔަ ސީޒަންގައި ލިވަޕޫލުން ޗެމްޕިއަންސް ލީގު ތަށި ކާމިޔާބުކުރުމުގައި ސަލާޙްވަނީ ވަރަށް ބޮޑު ދަޢުރެއްއަދާކޮށްފައިވެއެވެ. އަދި ވޭތުވެދިޔަ ދެ ސީޒަންގައިވަނީ ޕްރިމިއަ ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައެވެ.
އާސެނަލްގެ ހެޑް ކޯޗެއްގެ ގޮތުގައި 22 އަހަރު ހޭދަކޮށްފައިވާ ވެންގާ އެކްލަބުގެ ކޯޗުކަން ދޫކޮށްލާފައިވަނީ މިދިޔަ އަހަރުއެވެ. ވެންގާވަނީ އާސެނަލްއާއެކު 3 ޕްރިމިއާ ލީގު، 7 އެފްއޭކަޕް އަދި 7 އިންގްލިޝް ސުޕަރކަޕް ކާމިޔާބުކޮށްފައެވެ. އަދި މިދާއިރާއަށް އަލުން ވަންނަން ބޭނުންވާކަމުގެ ވާހަކަތަކެއްވެސް ވެންގާވަނީ ދައްކާފައެވެ.



