ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ފުލުހުން ފާރަލަމުން އަންނަކަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން އަންގާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓުން ސިފަވެގެން ދިޔައީ ޒަމާނުއްސުރެ ކަންބޮޑުވަމުން އައި ކަންތައްތައް ކަމަށާއި، އެނގިގެން ދަނީ ހަރުކަށި ވިސްނުމުގެ ބަޔަކާއި މިނިވަން ވިސްނުމުގެ ބަޔަކާއި ދެމެދު އަރާރުންތަކެއް ހިނގައި މީހުން މެރުމާ ހިސާބަށް ގޮސްފައިވާކަން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ފުލުހުން އެމަނިކުފާނަށް ފާރަލަމުން އަންނަކަން މީގެ ތިން ދުވަސް ކުރިން ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފް އިން އެމަނިކުފާނަށް އަންގާފައިވަނީ މީގެ ތިން ދުވަސް ކުރިން ކަމަށެވެ.
"އަޅުގަނޑު ގާތުގައި އެމްއެންޑީއެފް އިން ބުނި މީގެ ތިން ރޭ ކުރީގައި އަޅުގަނޑަށް ފުލުހުން ފާރަލައޭ. އެކަންވެސް ފުލުހުންވެސް ކޮށްފާނެ، ނުވަތަ ފުލުސް އޮފީހުންވެސް ކޮށްފާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ފާރަލަމުން އައިސް "އެހެން ނަތީޖާއެއްވެސް" ނެރެދާނެ ކަމަށާއި، ނަމަވެސް އެވާހަކަ ދައްކަވާނެ ކަމަށެވެ.
"އަދި އެ ފާރަލައިގެން އައިސް އޭގެން އެހެން ނަތީޖާއެއްވެސް ނެރެދާނެ. އެހެންނަމަވެސް އަޅުގަނޑު މިހުރީކީއެއް މިވާހަކަ ދެއްކުން ހުއްޓާލާކަށް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.
Fuluhun Nasheed Ah Faaralanee!? pic.twitter.com/HruGdqAL0s
— Ali Wisam (@wii_saam) September 9, 2019
އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފުލުހުންގެ އިދާރާ އާއި ޝަރުއީ ދާއިރާ އިސްލާހު ނުވާނަމަ ބޭނުންވާ ބަދަލު ނުގެނެވޭނެ ކަމަށެވެ.
އަމާޒަކީ ފުލުސް އޮފީސް ހަރުދަނާ ކުރުން ކަމަށާއި، ފުލުސް އޮފީހަކީ އަދުލު އިންސާފު ގާއިމްކުރުމުގެ މައިގަނޑު ތަރަހައަށްވާއިރު އެ މުއައްސަސާގެ ކަންކަން އިސްލާހު ކުރުމަކީ މި ސަރުކާރު އުފެދިގެން އައިއިރުވެސް އަދި މިހާރުވެސް އެމްޑިޕީން އެއްބަސްވެފައިވާ ކަމެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.




