އަދާލަތުގެ ކެންޑިޑޭޓަކީ ސަރުކާރު ކެންޑިޑޭޓެކޭ ބުނެވިދާނެ - ޢަލީ ނިޔާޒް

އެމްޑީޕީއެކޭ އެއްގޮތަށް ރައްޔިތުންގެ މަޖިލީހަށް އަދާލަތު ޕާޓީން ނެރޭ ކެންޑިޑޭޓަކީވެސް ސަރުކާރު ކެންޑިޑޭޓް ކަމަށް ބުނެވިދާނެކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓްގައި ވައިކަރަދޫ ދާއިރާއަށް ވާދަ ކުރައްވާ ހުސައިން ޒިޔާދު (ފިއްޓޭ) ގެ ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޢަލީ ނިޔާޒް ވިދާޅުވީ، އެމްޑީޕީއާ ވަދަވެރި، ނަމަވެސް ސަރުކާރު ކޯލިޝަނުގެ ބައިވެރިންނާއެކު އެއްބަސްވުމަކަށް އައިސްގެން ވައިކަރަދޫ ދާއިރާ އަދާލަތަށް ދޫކޮށްލަން ނުނިންމާނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް ކަމަށެވެ.

ނިޔާޒް ވިދާޅުވީ، އަދާލަތު ޕާޓީއަކީވެސް ސަރުކާރު ކޯލިޝަނުގެ ބައިވެރިއެއް ކަމަށްވާތީ، އެމްޑީޕީއެކޭ އެއްގޮތަށް ސަރުކާރު ކެންޑިޑޭޓުންނޭ ބުނުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.

"ކޮންމެ ގޮތެއްވިޔަސް އަދާލަތު ޕާޓީއަކީ ސަރުކާރުގެ ކޯލިޝަން ޕާޓުނަރެއް. އެހެންވީމަ އަދާލަތު ޕާޓީއިން މިދާއިރާއަށް ނެރެފައި ހުންނަ ކެންޑިޑޭޓަކީ ސަރުކާރު ކެންޑިޑޭޓެކޭ އެމީހުނަށްވެސް ބުނެވިދާނެ." ޢަލީ ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ، އަދާލަތުގެ ކެންޑިޑޭޓުންނަށް ސަރުކާރު ކެންޑިޑޭޓޭ ބުނެވޭއިރު، އެމްޑީޕީގެ ކެންޑިޑޭޓަށްވެސް ސަރުކާރު ކެންޑިޑޭޓް ކަމުގައި ބުނެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށްވެސް ބުނެވޭނެ އަޅުގަނޑުމެންގެ ކެންޑިޑޭޓަކީ ސަރުކާރު ކެންޑިޑޭޓޭ. ޖުމްހޫރީ ޕާޓީން މީހަކު ނެރެފައި އެމީހުންނަށްވެސް ބުނެވޭނެ. އެއީ ސަރުކާރުގެ ޕާޓްނަރެއްގެ ހައިސިއްޔަތުން އެހެން ބުނެވިދާނެ." ޢަލީ ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ، ސަރުކާރަކުން ވަކި ކެންޑިޑޭޓަކު އެންޑޯޒް ކޮށްފާނެ ކަމަށް ޤަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެންޑޯޒް ކޮށްގެން ތިން ޕާޓީން އެއް ތަނަކަށް ލާފަ އޮއްވާ ތިމަންނާގެ ކެންޑިޑޭޓަކީ މިއޭ ބުނާނެ ޚާލަތެއް އަތުވެދާނެ ކަމަކަށް އަޅުގަނޑެއް ޤަބޫލެއް ނުކުރަން. އެހާލަތު އައިސްގެން ލޮލު ކުރިމަތީ ފެނުނީމަ ނޫނީ އަޅުގަނޑު ގަބޫލެއް ނުކުރާނަން އަތުވެދާނެ ކަމަކަށް." ޢަލީ ނިޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ޢަލީ ނިޔާޒު ރޭ އިތުރަށް ވިދާޅުވީ، އަދާލަތު ޕާޓީން ނިކުންނަނީ ވާދަކުރަން ކަމަށްވަނީނަމަ ދައްކާނެ ކިތަންމެ ވާހަކައެއް ހުންނާނެ ކަމަށާއި، އެކަން ޤަބޫލުކޮށް ފޯރިޔާއި ޖޯޝާއެކު އެމްޑީޕީން ކެމްޕޭން ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް އަދާލަތު ޕާޓީން ނެރޭ ކެންޑިޑޭޓަކީވެސް ސަރުކާރު ކެންޑިޑޭޓް ކަމަށް ބުނެވިދާނެކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ޢަލީ ނިޔާޒް ވިދާޅުވިއިރު، ވައިކަރަދޫ ދާއިރާއަށް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ އަދާލަތު ޕާޓީގެ ފަރާތުން ހުސައިން ޘަޤީފް އިޙްސާން އަދި އެމްޑީޕީގެ ފަރާތުން ހުސައިން ޒިޔާދު (ފިއްޓޭ) އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ