ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މިވަގުތު ނުރައްކަލެއް އޮތްކަން ފާހަގަކުރެވިފައި ނެތްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވީ، ރައީސް ނަޝީދަށް ފުލުހުން ފާރަލަމުންދާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ބުނާކަމަށް ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
ފުލުހުން ވިދާޅުވީ، ސެކިއުރިޓީ ބެލެހެއްޓުން ޤާނޫނީގޮތުން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާއި ގުޅޭގޮތުން އެމްއެންޑީއެފް އާއި ވިލަރެސްކޮށްގެން ކުރަންޖެހޭ ކަންކަން ފުލުހުން ކުރަމުންދާ ކަމަށާއި، އެގޮތަށް މަސައްކަތް ކުރާއިރު، މަސައްކަތް ކުރަނީ އެއިރެއްގައި އެބޭފުޅަކަށް އޮތް ނުރައްކަލެއް ވަޒަންކުރުމަށްފަހު އޭގެ މައްޗަށް ބެލުމަށްފަހު ކަމަށެވެ.
"މިވަގުތު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެއްވެސް ނުރައްކަލެއް އޮތްކަމަކަށް މިސަރވިސްއަށް ފާހަގަކުރެވިފައެއް ނުވޭ. އަދި މިފަދަ މައްސަލައެއް ހުށަހެޅިފައެއްވެސް ނުވޭ." ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ޢާއިލާގެ ފަރާތުން ނުވަތަ އެހެން ފަރާތަކުންވެސް ސޯޝަލް މީޑިއާ ނުވަތަ އެެހެންވެސް ގޮތަކުން ނުރައްކަލެއް އޮތްކަމަށް ފާހަގަކުރާނަމަ އެކަންކަން ވަޒަންކުރުމަށްފަހު އަޅަންޖެހޭ އެންމެހާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން ދާނެކަމުގެ ޔަޤީންކަން އެންމެހާ ފަރާތްތަކަށް އަރުވާ ކަމަށެވެ.



