އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށްދިނުމަށް ޕްރޮގްރެސިވް ކޯޅިޝަނުން މަޖިލީހަށް ހުށަހަޅައިފައި ވާނެކަމަށް ބުނެފިއެވެ.
މިއަދު ހަވީރު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ތަރުޖަމާނު އަދި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ، އެ ދެ މައްސަލަ މިހާރު މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޢަލީ އާރިފް ވިދާޅުވީ، ދިވެހި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ރައީސް ޔާމީނާމެދު އިންސާފުން އެއްކިބާވެ، ފުލުހުންގެ އިދާރާއިން ތަހްގީގްކޮށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓްގައި ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައަކީ ޤާނޫނު އަސާސީގެ އެތައް މާއްދާއަކާ ޚިލާފަށް ކުރައްވާފައިވާ ކަންތައްތަކެއް ކަމަށެވެ.
އެގޮތުން ގާނޫނު އަސާސީގައިވާ ހައްގުތައް ކަށަވަރު ކޮށްދިނުން، 17 ވަނަ މާއްދާ ތަފާތު ނުކުރުން، 19 ވަނަ މާއްދާގައި މަނާ ކުރެވިފައިނުވާ ކަންކަން ކުރުމުގެ މިނިވަންކަން، 20 ވަނަ މާއްދާ ހަމަހަމަ ކަން، 33 ވަނަ މާއްދާ ނަމާއި އަބުރު ރައްކާތެރި ކުރުން، 40 ވަނަ މާއްދާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގު އަދި 45 ވަނަ މާއްދާ ގާނޫނާ ހިލާފަށް ހައްޔަރު ނުކުރުމާއި ބަންދު ނުކުރުމުގެ އިތުރުން ޤާނޫނު އަސާސީގެ 55 ވަނަ މާއްދާ މަދަނީ މައްސަލަތަކުގައި ބަންދު ނުކުރުންފަދަ މާއްދާތކާ ޚިލާފުވެފައިވާކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، އެސްއޯއެފް އިން ފައިސާ ޖަމާކޮށްފައިވާ އެތައް ބަޔަކު ތިބިއިރު އޭގެ ތެރެއިން ޔާމީންގެ މައްސަލަ އެކަނި ތަހްޤީގު ކޮށްފައިވަނީ ޕޮލިސް އެކްޓިން ކޮމިޝަނަރުގެ ޒާތީވެގެން ކަމަށާއި، ހަމައެކަނި ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ސިޔާސީ ގޮތުން ކަމަށެވެ.
މެންބަރުން ތިއްބެވީ ވަރަށް ޖޯޝާއި ފޯރީގައި ކަމަށާއި، މި ދެބޭފުޅުން ކޮމެޓީއަށް ހާޒިރު ކުރުމުގައި ގިނަ މެންބަރުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.