މިރޭ 20:00 ގައި ގަލޮޅު ދަނޑުގައި ފެށުމަށް ހަމަޖެހިަފއިވާ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އަދި ރާއްޖެ ބައްދަލުކުރާ މެޗަށް އިތުރަށް ޓިކެޓް ވިއްކަން ޖެހޭ ކަމަށް ކްލަބް ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒެއިން ވިދާޅުވެއްޖެއެވެ.
ސުޒެއިން މިހެން ވިދާޅުވީ، ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގަ ވާހަކަދައްކަމުން ރޭގައެވެ. އޭނާ ވިދާޅުވީ އެ މެޗު ބަލަން ދިވެހިން ދަނޑަށް ވަންނަން ބޭނުންވާ ކަމަށާއި، އިތުރަށްވެސް ޓިކެޓުތަކެއް ވިއްކަން ޖެހޭ ކަމަށެވެ.
ގަލޮޅު ރަސްމީ ސްޓޭޑިއަމްގެ ދެކުނު ފަރާތާއި އިރުމަތި ފަރާތުގެ ސިޑިބަރި ބޭނުންކުރުން ސަލާމަތީ ގޮތުން އެކަށީގެންނުވާ ކަމަށް ހައުސިންގ މިނިސްޓްރީން އެންގުމުން އެދެ ސިޑިބަރި އެއްކޮށް އޮތީ ބަންދުކޮށްފައެވެ.
ނަމަވެސް ސުޒައިން ވިދާޅުވީ، 2،000 މީހުންނަށް ވަދެވޭ ސިޑިބަރިއަކަށް 1،000 މީހުންނަށް ވަދެވޭ ގޮތަށް ހަދައިގެން ނަމަވެސް، ޗައިނާ މެޗަށް ވަގުތީ ހުއްދައެއް ނަގަންޖެހޭ ކަމަށެވެ. އަދި ގައުމީ ޓީމުގެ މެޗެއް ބަލައިލަން ދިވެހިން ތިބީ ވަރަށް ކެތްމަދުވެފައި ކަމަށާއި، ދިވެހި ސަޕޯޓަރުންގެ މިހާރުގެ ވިސްނުމަށް ބަލާފައި އެ ފުރުސަތު ދޭން ހައްގު ކަމަށްވެސް ސުޒައިން ވިދާޅުވިއެވެ.
މިވަގުތު ގަލޮޅު ދަނޑުގައި ބޭނުންކުރެވެނީ ދަނޑުގެ އުތުރ ފަރާތު ސިޑިބަރިއާއި، ހުޅަނގު ފަރާތު ސިޑިބަރި އެކަނިކަމުން، ކުރިން 8،000 އެއްހާ ސަޕޯޓަރުންނަށް ވަދެވޭއިރު، ޗައިނާ މެޗަށް ވަދެވޭނީ 3400 ސަޕޯޓަރުންނަށެވެ.
ދަނޑުގެ އިރުމަތި ފަރާތް (ބޮޑު ގޭޓް ފަޅި) ގައި ހުރި ސިޑިބަރިއަކީ ހުޅުވާފައި އަދި އެއް މެޗަށް ބޭނުންކުރެވޭނެ ސިޑިބަރިއެއް ކަމަށާއި، އެތަން 1،000 މީހުން ބޭނުންކޮށްގެން ގެއްލުންތަކެއް ވާނެ ކަމަށް ނުދެކޭ ކަމަށް އަދި ދެކުނު ފަރާތް (ސަހަރާ ފަޅި) ގެ ސިޑިބަރީގެ އެންމެ ތިރީ ބަރިވެސް ދޭން ޖެހޭ ކަމަށް ސުޒައިން ވިދާޅުވިއެވެ.
ޗައިނާ އަދި ރާއްޖެ ބައްދަލުކުރާ މެޗަށް 3،400 ޓިކެޓް ވިއްކާފައިވާއިރު، އޭގެ ތެރެއިން 1000 ޓިކެޓް ޗައިނާއަށް ވަނީ ދީފައެވެ. މި މެޗަށް ޓިކެޓް ވިއްކަން ފެށުމާއެކު ދިގު ކިއުތަކެއް ހަދާފައިވާއިރު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައޮ ޓިކެޓް ވަނީ ހުސްވެފައެވެ.




