ބަރުލަމާނީ ނިޒާމު ކަމަކު ނުދޭ، އަމިއްލަ އެދުން ބޮޑީ ކޮންބައެއްކަން އެނގޭ - ޤާސިމް

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްގެން ލިބޭނެ އެއްވެސް މަންފާއެއް ނެތްކަމަށާއި، އެ ނިޒާމަށް ރައްޔިތުންގެ ތާއީދު ދޭވަރަށްވުރެ ރައްޔިތުން ހޭލުންތެރިކަމަށް ސަރުކާރުގެ އެއް ބައިވެރިޔާ، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހެންވޭރު ދެކުނު ދާއިރާގެ ޖޭޕީގެ ކެންޑިޑޭޓް އިރްތިސާމް އާދަމްގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ، 86 ދާއިރާއަށް ވާދަކޮށް ވެރިކަމުގެ ނިޒާމް ބަދަލުކުރަން އުޅެނީ ކޮން ބައެއްކަން ރައްޔިތުންނަށް އޮޅިފައި ނެތްކަމަށެވެ. އަދި އަމިއްލަ އެދުން ބޮޑީ ކޮން ބައެއްކަމާ މެދުގައި ވިސްނާލަންޖެހޭ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

"އޭރުން ބަރުލަމާނީ ނިޒާމާ އެކުގައި ހުރިހާ ބާރެއް ތިމާމެންގެ މުށުތެރެއަށް އަންނާތީ އެކަން ކުރުމުގެ ބޭނުމުގައިތޯ؟" ޤާސިމް ސުވާލުކުރައްވައި ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން އެހާ މޮޔަ ނޫން ކަމަށާއި، މަޖިލިސް ތެރެއިން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން މަދުބަޔަކު ވޯޓު ދިނަސް ގިނަ މެންބަރުން އެފަދަ އިސްލާހަކަށް ތާޢީދު ނުކުރައްވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

"އޭގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ކުރިއެރުމެއް ނެތްކަން އެނގޭތީ، އޭގެ ބަދަލުގައި ސަރުކާރުން ވަރަށް ބޮޑެތި ހޭދަތަކެއް ކުރެވިގެންދާނެކަން އަދި ހަމައެހެންމެ ސަރުކާރެއްގައި ހިމެނޭ ހުރިހާ މިނިސްޓަރުން ތިއްބަވާނީ ރައްޔިތުންގެ މަޖިލީހުގައިކަން ވަރަށް ސާފުކޮށް އެނގޭ." ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ޤައުމު ފުރޮޅާލުމުން ދިވެހި ރައްޔިތުންނަށް އެއްވެސް މަންފާއެއް ލިބިގެން ނުދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ