1994 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާއި ހަމަ އަށް ގެނެސްދިން މަޝްހޫރު ޓީވީ ސީރީސް "ފްރެންޑްސް" ގެ މަޤްބޫލުކަން އަދިވެސް ކުޑައެއް ނުވެއެވެ. ފޫހިވެ، ދެރަވެ، އުފާވެ ނުވަތަ ކަމެއް ކުރާހިތް ނުވެފައި ހުންނަ ގަޑީގައިވެސް ބަލައިލަން "ފްރެންޑްސް" މިއީ އެއްވަނަ އެވެ.
ކަމެއް ކުރަމުން ދާއިރުވެސް ޓީވީ ނުވަތަ ލެޕްޓޮޕް ގައި ފްރެންޑްސް އަޅުވާފައި ހުރުމުން އެލިބޭ ހިތް ހަމަ ޖެހުން އިނގޭނީ "ފްރެންޑްސް" ގެ ފޭނުންނަށެވެ، ތިޔައީ "ޑައި ހާޑް ފޭން" އެއްނަމަ "ފްރެންޑްސް" ގެ ދިހަ ސީޒަން މަދުވެގެން ހައެއްކަ ފަހަރު ނުބަލައެއް ނުހުންނާނެއެވެ.
މި ސީރީޒްގައި ދައްކައިދެނީ ހަ އެކުވެރިންގެ ދިރިއުޅުމުގެ ތެރޭގައި ހިނގާ މަޖާ، ލޯބީގެ އަދި ހިތާމަވެރި މަންޒަރު ތަކެވެ. މިސީރީސްގެ އެޕިސޯޑްތަށް ބަލަމުން ދާއިރު އަމިއްލައަށް އޮވެ ބާރަށް ހެވުމަކީ ނުވެ ނުދާނެކަމެކެވެ. ކޮންމެ އެޕިސޯޑެއް އަޅުވައިލިޔަސް ފެނިގެން ދާނި މޮނިކާ، ރެޗަލް، ފީބީ، ރޮސް، ޗޭންޑްލާރ އަދި ޖޯއީ މޮނިކާގެ އެޕާރޓްމެންޓްގައި ކުޑަދޮރުން " އަގްލީ ނޭކެޑް ގައި" އަށް ބަލަމުން ނުވަތަ "ސެންޓްރަލް ޕާރކް" ގެ ސޯފާގައި ކޮންމެވެސް ކަހަލަ މަޖާ ވާހަކަ ތަކެއް ދައްކަން ހުންނަ ފަދަ މަންޒަރުތަކެވެ. ނޫނީ އިވިގެން ދާނީ ޗޭންޑްލާގެ ކުރީގެ ލޯބިވެރިޔާ ޖޭނިސްގެ މަޖާ ހިނިގަނޑުގެ އަޑެވެ.
މި ސީރީޒް ގެ އެންމެ ޚާއްސަ ކަމަކީ ކިތަށްމެ ގިނައިން ބެލިކަމުގައި ވިޔަސް ފޫހިނުވުމެވެ. އަދި ފުރަތަމަ ފަހަރު ބަލާފައި ހެވުނު ވަރަށް ބާރަވަނަ ފަހަރު ބެލިޔަސް ހެވޭކަމެވެ. ނުވަތަ ފަހު އެޕިސޯޑް ބަލާ ކޮންމެފަހަރަކު ހިތްދަތިވެ ފެންކަޅިވާކަމެވެ. މި ސީރީޒް އަށް 24 އަހަރު ވެގެން ދިޔަ އިރުވެސް ބެލުންތެރިންގެ މަޤްބޫލުކަން އެންމެ ބޮޑަށް ލިބޭ އެއް ސީރީސް އަކީމިއެވެ.
ފްރެންޑްސް ގެ ފޭނުން އެކުވުމުން ސީރީސްގައި ބޭނުންކުރާ ޑައިލޮގް ތަށް ބޭނުން ކޮށްގެން ވާހަކަ ދެއްކުމަކީ މަޖާ ކަމެކެވެ. ސޯފާއެއް އުފުލާނަމަ "ޕިވާޓް" ކިޔުން އަދި ޖޭނިސް ކިޔާ ރާގަށް "އޯ މައި ގޯޑް" ކިޔުން ނުވަތަ އަންހެން ކުއްޖަކު ސެޓްކުރަން ޖޯއީ ބުނާ ގޮތަށް "ހައު ޔޫ ޑުއިން" އޭ ބުނަން ނޭގޭ ނަމަ އަދި ތިއުޅެވެނީ ވަރަށް ފަހަތުގައެވެ. އަވަހަށް "ފްރެންޑްސް" ސީރީސް ހޯދައިގެން ބަލާށެވެ. އަދި "ފްރެންޑްސް" ނުބަލާ އެކުވެރިއެއް ހުރިނަމަ އަވަހަށް ބަލަން ބާރުއަޅާށެވެ. ހަމަ ގައިމުވެސް ފްރެންޑްސް ބެލިގެން ހިތާމައެއް ނުކުރާނެއެވެ. ބަދަލުގައި "ފްރެންޑްސް" ބަލަން ބާރު އެޅި އެކުވެރިޔާއަށް ފަށްފަށުން ޝުކުރު އަދާ ކުރާނެކަން ގައިމެވެ.