ހަރުކަށި ފިކުރުގެ ސަބަބުން ޤައުމު އޮތް ނާޒުކު ފައްތަރުން އަރައިގަތުމަށް ޝަރުޢީ ނިޒާމު ހަރުދަނާ ކުރުން މުހިންމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކޯޓް އެޑްމިނިސްޓްރޭޓާސް ވޯކްޝޮޕް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރޭގައެވެ.
ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ކަންކަން ނާޒުކު ފައްތަރަކަށް ދިއުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ވެރިކަމުގެ ބާރުތައް ބޭނުންވާ ގޮތަށް ސުޕްރީމް ކޯޓުން އަމަލުކުރަމުންދިއުމާއި، އެކޯޓު އިމުން ބޭރުވެފައިވާ މިންވަރުގެ ބޮޑުކަން ހިމެނޭކަމަށެވެ.

އައި.އެސް ޖަމާއަށް އުފައްދައި ދެމެހެއްޓުމުގައި ދިވެހިންގެ ތެރެއިން ބަޔަކު ބައިވެރިވިކަމަށް ވިދާޅުވާ ވިދާޅުވުންތަކުރާރުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ދިވެހިންގެ ތެރެއިން އައިސްއާ ގުޅިގެން ހަނގުރާމަކުރުމަށް ދިޔަ ގިނަ މީހުންނަކީ ރާއްޖޭގައި އެޖަމާޢަތުގެ ތަފާތު ހަރަކާތްތަކެއް ހިންގައިގެން ދިވެހި ދަޢުލަތުގެ ތެރޭގައި އަނދިރި ދައުލަތެއް އުފައްދައި އެ އަނދިރި ދަޢުލަތުގެ ބާރު ދިވެހި ދައުލަތުގެ މައްޗަށް ގަދަކުރަމުންދިޔަ ކަމަށެވެ.
"ދަންނަ ބޭކަލުންގެ ހެދުމުގައިތިބޭ މީހުންގެ ނިންމުންތައް ތަންފީޒުކުރަނީ މާލޭ މަގުމަތީ ގޭންގުތައް. ގޭންގުތައް އެކަން ކުރަނީ ދައުލަތުގެ ބާރުތަކާއި ގުޅިގެން. އަޅުގަނޑުމެނަށް މިރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާޙް ނުކުރެވިއްޖެނަމަ އަޅުގަނޑުމެންނަށް ފެންނާން އޮތް މަންޒަރު އަޅުގަނޑަށް ފެންނަނީ ވަރަށް އަނދިރި. އިންސާފު ޤާއިމުކޮށްދިނުމުގެ ނިޒާމު ފެށިގެން މިއަންނަނީ ފުލުހުންގެ މަސައްކަތުން، ނިމެނީ ފަނޑިޔާރުންގެ މަސައްކަތުން" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ތިންބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމުން އެއްބާރު އަނެއްބާރުގެ ތެރެއަށް ވަދެގެން ނުވާނެކަމަށާއި، އެއްބާރު އަނެއްބާރުގެ ތެރެއަށް ވަދެއްޖެނަމަ މުޅި ނިޒާމު ނުއަތައް އެނބުރި ތިންބާރު ވަކިވެފައިވާ ނިޒާމުގެ ސަބަބުން ޤައުމަށް ލިބޭ އަނިޔާ ރާއްޖެއިން ދާދިފަހުން ދެކެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުވަނީ އެކޯޓުގެ އިމުން ބޭރަށް ދެ ދޮޅަހަކަށްވުރެ ގިނަފަހަރު ނުކުމެފައި. ސުޕްރީމް ކޯޓު ކަނޑުން ބޭރުވި ކޮންމެފަހަރަކުވެސް އެންމެ ބޮޑު ގެެއްލުމެއްވެފައިވަނީ ރާއްޖޭގެ ވެރިކަމަށް. ދިވެހި ވެރިކަމަކީ ދިވެހި ރައްޔިތުންގެ ކިބައިން އުފެދިގެން އަންނަ، އަދި އެރައްޔިތުންގެ ކިބައިގަ ތާއަބަދައް ލެހެއްޓިފައިވާ، އެރައްޔިތުންގެ ވަކިވަކި ޙައްޤަކަށްވާތީވެ ރާއްޖޭގެ ވެރިކަމަށް ލިބޭ ގެއްލުން އެންމެ ބޮޑަށް ތަހައްމަލްކުރަނީ ރައްޔިތުން، އެރައްޔިތުންނަށް ލިބިގެންދާ ނިކަމެތިކަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ބައެއް ފަނޑިޔާރުންގެ އަމަލުތައް ހުރިގޮތުން ކޯޓުތައް އިސްލާޙްކުރުމަކީ ޤައުމަށް އެންމެ މުހިއްމުކަމުގެ ގޮތުގައި ރައްޔިތުން ހަރުއަޑުން ބުނަންފަށާފައިވާކަމަށާއި، ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބުގެ ވަޢުދުތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވުނުގޮތަށް ފަނޑިޔާރުގެތައް އިސްލާޙްކުރުމުގެ ކަންކަން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ކުރައްވަމުން ގެންދަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ފަނޑިޔާރުންގެ ވަޒީފާއަކީ ފަނޑިޔާރުކަން ކުރުންކަމަށާއި، އިދާރީ ހިންގުމުންގެ ކަންކަން ނޫންކަން ފާހަގަކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައިވެސް އިންނަވާ ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީގެ ޤާނޫނަށް އިސްލާޙްގެނެސް ޝަރުޢީ ކޯޓުތަކުގެ އިދާރީކަންކަން ހިންގުމުގެ އެންމެހާކަންކަން ކުރައްވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޖޭއެސްސީގެ ދަށުން ހިންގާތަނަކަށް އަނެއްކާވެސް ބަދަލުކުރެވިފައިވާކަމަށެވެ.
މިއީ ކުޑަ ބަދަލެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިހާރު އޮތް ނާޒުކު ފައްތަރުން އަރައިގަތުމަށް ކުރައްންޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރިކަމަށެވެ.




