ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ހދ.ކުޅުދުއްފުށްޓަށް ކުރަމުން އަންނަ ދަތުރުތަކުގެ ޓިކެޓް އޮންލައިންކޮށް މިހާރު ގަނެވޭނެކަމަށް އެ އެއާލައިނުން ބުނެފިއެވެ.
މޯލްޑިވިއަން އިން 2019 އޮގަސްޓް 9 ވަނަ ދުވަހު ކުޅުދުއްފުއްޓަށް ޝެޑިއުލް ދަތުރުތައް ފެށި ނަމަވެސް މިހާތަނަށް ޓިކެޓް ވިއްކަމުން އައީ ޓިކެޓިންގ އޮފީސްތަކުން އެކަންޏެވެ.
މިއަދު ހެނދުނު މޯލްޑިވިއަން އިން ބުނީ، ކުޅުދުއްފުއްޓަށް ދަތުރުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މިހާރު އޮންލައިންކޮށް ޓިކެޓް ނެގޭނެ ކަމަށާއި، ކަސްޓަމަރުންގެ ކެތްތެރިކަމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
Good Morning. Great news.! We are happy to inform that, ticket for Kulhudhufushi sector is now available for web purchase. We thank you for your patience. ?
— Maldivian (@MaldivianAero) September 11, 2019
ހަފްތާއަކު ތިން ފްލައިޓް ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދާއިރު، އެ އެއާޕޯޓްގެ ޓިކެޓަށް އޮންނަ ޑިމާންޑް ބޮޑެވެ.
1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކު ތަރައްޤީކުރި ކުޅުދުއްފުށީ އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ، ނިމިދިޔަ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލައްޤުމެވެ. ނަމަވެސް އެއާޕޯޓް ޓަރމިނަލް ނިންމައި ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ ދާދި ފަހުންނެވެ.




