އެދުވަސް އެނބުރި އަންނާނެ ނަމަ... (01)

(މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ނަންތަކާއި ބައެއް ބައިތައް ބަދަލުކުރެވިފައި ވީނަމަވެސް މައިގަނޑު ހާދިސާއަށް ބަދަލު ގެނެވިފައެއް ނުވާނެއެވެ.)

"ފުރަތަމަ ލޯބި" ލިބެނީ ވަރަށް ނަސީބު ގަދަ އަދި އެހާމެ މަދު ބަޔަކަށޭ މީހުން ބުނާތީ އަހަރެންވެސް އަހަމެވެ. އެއީ ތެދެއްކަމެއް ނޫނީ ދޮގެއްކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އިޝްޤީ ލޯތްބަކީ ކޮބައިކަމެއް އަދި އެކަމުގައި އެ ހުންނަ އަސަރެއްވެސް އޭރަކު އަހަންނަކަށް ނޭނގެއެވެ.

ރަށުން އޯލެވެލް ނިމުނުއިރު އަހަރެންގެ ގްރޫޕްގައި ލޯބިވެރިއެއް ނުގެންގުޅޭ މީހަކަށް ހުރީ އަހަރެން އެކަންޏެވެ. އެއީ އަހަރެން ބޭނުންވި ގޮތެވެ. އަހަރެން ގަބޫލުކުރި ގޮތުގައި އޭރު އަދި ލޯބިވެރިއެއް ގެންގުޅެން އަހަރެން މާ ކުޑައެވެ. ނަމަވެސް ވަރަށް ކުރިއްސުރެ އަހަރެން ގަޔާވާ ކުއްޖެއް ހުރެއެވެ. ވަގުތު އަދި ނުޖެހޭހެން ހީވާތީ މަޑުކޮށްލައިގެން ހުރީއެވެ.

މައިޝާއަކީ އަހަރެންގެ އެކުވެރި ޔޫޝައުގެ ގޭ ދޮރުމަތީގައި ހުންނަ ގޭގައި އުޅޭ ކުއްޖެކެވެ. ނަމަވެސް އަހަންނަށް ފުރަތަމަ މައިޝާ ފެނުނީ ސްކޫލުންނެވެ. މައިޝާއަކީ އަހަރެންނަށްވުރެ އެއް ގްރޭޑް ދަށުގައި ކިޔަވާ ކުއްޖެކެވެ. އެއީ ވާހަކަތަކުގައި ސިފަ ކޮށްދީފައި ހުންނަ ރީތި އަންހެން ކުދިންހެން ހުންނަ ކުއްޖެއް ނޫނެވެ. ހަމުގެ ކުލަ މާ އަލި ނޫނަސް ކަޅު ކުއްޖެކޭ ނުބުނެވޭނެއެވެ. އިސްކޮޅުން ކުރެވެ. އިސްތަށިގަނޑު ފަނެއްވެސް ނޫނެވެ. އަދި ބުޅިއެއްވެސް ނޫނެވެ. ކިޔެވުމަށްވެސް އެއީ އާދައިގެ ކުއްޖެކެވެ. ނަމަވެސް އެއީ އަހަންނަށް ރަށުން ފެނުނު އެންމެ ރީތި ކުއްޖާއެވެ. އަހަންނަށް މައިޝާ ހާއްސަވީ ކީއްވެކަމެއް ޚުދު އަހަންނަކަށްވެސް ބުނެދޭކަށް ނޭނގެއެވެ.

އޯލެވެލް ނިންމުމަށްފަހު އަހަރެންގެ ޢާއިލާއިން ބޭނުންވީ އަހަރެން އޭލެވެލް ހެދުމަށްޓަކައި މާލެ ފޮނުވުމަށެވެ. އެއީ އަހަރެންވެސް ބޭނުންވި ގޮތެވެ. އަހަންނަށް ސީ.އެޗް.އެސް.އީ އިން ކިޔަވަން ފުރުޞަތު ލިބުމުން ކިޔެވުން ފެށެންދެން ރަށުގައި ރައްޓެހިންނާއެކު މަޖާކޮށްލަން މަޑުކުރީމެވެ. އެދުވަސްވަރު އަހަރެމެން ވަރަށް ގިނައިން އެއްވުންތައް ބާއްވާ އުޅުނީމެވެ. ބަނދަރުގައި ހުންނަ ޖޯލިފަތި ތަކުގައާއި، ގޭގެއަށް ގޮސް ތާސްބަޔާއި، ކެރަމް ފަދަ ކުޅިވަރު ކުޅެ، އެކި ގޭގޭގައި ކައްކާ، ކެއުންގަނޑުގަނޑު ބާއްވާ ހެދީމެވެ. އަހަރެމެން އެންމެ ގިނައިން އެއްވާ ޖަގަހައަކީ މައިޝާމެންގޭ ދޮރުމަތީގައި ހުންނަ ޖޭމުގަސްދޮށެވެ. އެގޮތަށް އެއްވާއިރު ބައެއްފަހަރު މައިޝާވެސް އާދެއެވެ. މައިޝާއަކީ ޔޫޝައުގެ ތިއްތަގެ ވަރަށް ގާތް އެކުވެރިއެކެވެ. އަހަރެމެން އެންމެންވެސް ތިއްތައާ މުޚާތަބުކުރަނީ ތިއްތަގެ ނަމުންނެވެ. ތިއްތައަކީ އަހަރެމެން އެންމެންގެ ވެސް ވަރަށް ގާތް ރަޙުމަތްތެރިއެކެވެ.

އެގޮތަށް ދެ ނަމާދު ދޭތެރެ ގަޑީގައި ޖޭމު ގަސްދޮށުގައި ހުރި ޖޯލިފަތިތަކަށް އެއްވި ރެއެކެވެ. މަޣްރިބު ނަމާދުން ފައިބައިގެން އަހަރެންވެސް އެތަނަށް ދިޔައީމެވެ. އޭރު މައިޝާއާއި ތިއްތައާއި އިތުރު ދެ އަންހެން ކުދިންނާއި ތިން ފިރިހެން ކުދިން އެތާނގައި ތިއްބެވެ. އެތާ ވާހަކަ ދެކެވެމުން ދިޔައީ އެކި މަޢުޟޫއަށެވެ. އެހެން ހުރެފައި އެތާ ހުރި ޖޭމު ގަހުގައި އަތްފޯރާ ފަށުގައި ހުރިތަނުން ޖޭމެއް ބިންނަންވެގެން އަހަރެން ފުންމާލީމެވެ. އަހަރެން އެކަންކުރީ އެއްވެސް އެއްޗެއް ހިތައް އަރައިގެންނެއް ނޫނެވެ. ނަމަވެސް އަހަރެން އެހެން ހެދިތަން ފެނިގެން މައިޝާ ބަލަން އިނދެފައި އެހެން ނުހަދާށޭ ބުންޏެވެ. އަހަންނަށް އެކަންވީ ވަރަށް މަޖާ ކަމަކަށެވެ. އެކަން އެގޮތަށް ކުރުމުން މައިޝާގެ ސަމާލުކަން ލިބުނުކަން އެނގުމުން އަހަރެންގެ ހިތުގައި އުފާވެރިކަމުގެ ރާޅު ބާންޏެއް އުފެދުނެވެ. އޭގެ ފަހުން އެތަނަށް އެއްވާ ކޮންމެ ދުވަހަކު މައިޝާ އަނގައިން ބުނޭތޯ އަހަރެން އެހެން ކަންތައްކުރަން ފެށީމެވެ. އަދި އެކަމުގައި އަހަރެންގެ މަޤްޞަދު ހާސިލުވެސް ވިއެވެ. ކުރިން އަހަންނަށް ހީވެފައި އޮންނަނީ އަހަރެން މީ ހުންނަ މީހެއްކަންވެސް މައިޝާއަށް ނޭނގޭ ކަމަށެވެ. ނަމަވެސް އެދުވަހަށްފަހު މައިޝާއަށްވެސް އަހަރެން ފެންނަކަން އެނގުނެވެ.

ދުވަސްތައް މަޖަލާއި އުފަލުގައި ވޭތުވަމުން ގޮސް އަހަރެން ފުރަން ދެދުވަހަށް ވީ އިރު ފުރުމުގެ ކުރިން ހުރިހާ ރައްޓެހިންނަށް ވަރުގަދަ ކެއުމެއް ދިނުމަށް އެންމެން ދިޔައީ ކިޔަމުނެނެވެ. މުޅި ޙަޔާތުގައިވެސް އަލަށް އެހާ ދިގު މުއްދަތަކަށް ދުރަށް ދާންޖެހޭތީ އެންމެންނަށް ބާބަކިޔުއެއް ދިނުމަށް އަހަރެން ނިންމީމެވެ. ބާބަކިޔު ބޭއްވުމަށް ހަމަޖެއްސީ އަހަރެން ފުރުމަށް ހަމަޖެހުފައިވާ ދުވަހުގެ ކުރީ ރޭ ޔޫޝައުގެ ގޭގައެވެ.

އޭގެ އެއް ދުވަސް ކުރިއެވެ. ހަވީރު ގަޑީގައި އަހަރެން ބަނދަރުމަތީގައި ހުއްޓާ ޔޫޝައުއާ ދިމާވިއެވެ. އެކި ވާހަކަ ދައްކަމުން ގޮސް ކުއްލިއަކަށް ލޯބިވެރިންގެ މަޢުޟޫއަށް ޔޫޝައު ވާހަކަދައްކަން ފެށިއެވެ.

"ފަޔާ ދެން ހަމަ ބިޓެއްވެސް ނުނަގާ ދަނީތަ؟ އަނެއްކާ މާލޭ ބިޓެއް ނަގަންވެގެންތަ؟ މިރަށުން ހަމަ ކަމުދާ ކުއްޖަކު ނުފެނުނީތަ؟"

ޔޫޝައު އެހެން ބުނުމުން އަހަންނަށް ހެވުނެވެ.

"ނޫނޭ.... ކަމުދާ ކުއްޖެއް ނެތީކީ ނޫން. އެކަމަކު އަދި އިހަށް މަޑުކޮށްލައިގެން ހުރީ. އަދި އެކުއްޖާ ހުރީ ހުސްކޮށްކަމެއްވެސް އެނގެނީކީ ނޫން." ބޯ ކަހާލަމުން އަހަރެން ޖަވާބު ދިނީމެވެ.

"ނޫނޭ ތިހެން ކަމަކު ނުދާނެ. ހުހަށް ހުރި ކުއްޖެއްތޯވެސް ބެލޭނީ އެނގިގެންތާ. ތިހެން ހުއްޓާ ތެޔޮ ނާށި ކާޅު ޖަހައިގަނެގެންވެސް ގެންގޮސްދާނެ. އޭރުން މާ ދެރައެއްނު. ފަޔާ ބޭނުންވާ ކުއްޖެއްގެ ނަން ބުނެބަލަ. އަހަރެން އެހީވެދޭނަމޭ."

ޔޫޝައު ކިޔަން ފެށުމުން އަހަރެން ވަރަށް ނޫންކަމަށް ހަދާފައި މައިޝާގެ ނަން ބުނެލީމެވެ.

"އައްދެ! ތިވީ މާ ރަނގަޅަކަށްނު. މައިޝާއަކީ ތިއްތަގެ އެންމެ ގާތް އެކަކު. އަހަރެން ފަޔާ ފުރުމުގެ ކުރިން މައިޝާގެ ޖަވާބެއް ހޯދާނަން." އެހިސާބަށް ވާހަކަ ދިޔައިރު މަޣްރިބު ނަމާދު ވަގުތު ޖެހިއްޖެއެވެ. އެހެންކަމުން ދެމީހުންވެސް ދެން މިސްރާބުޖެހީ މިސްކިތާ ދިމާއަށެވެ.

މައިޝާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި އަހަންނަށް އެރޭ ރަނގަޅަށް ނުވެސް ނިދުނެވެ. މައިޝާ ނޫނެކޭ ބުނެފި ނަމަ އަހަރެންގެ ހިތް ކުދިކުދި ވާނެއެވެ. ސަބަބަކީ އެ ނަން އަހަރެންގެ ހިތުގައި ލިޔެވިފައިވާތާ ވެފައިވަނީ ކުޑަ ދުވަސްކޮޅެއް ނޫނެވެ. އަހަރެން މައިޝާގެ ހަރަކާތްތަކަށް ސިއްރުން ބަލާތާ ހަތަރު އަހަރު ވެއްޖެއެވެ. ބައެއް ފަހަރު ކަމެއް ނެތިވެސް މައިޝާ ފެނޭތޯ ޔޫޝައުމެންގެއަށް ގޮސް އެގޭ ބޭރު ޖޯލިފަތީގައި އަހަރެން އިންނަމެވެ.

ޖަވާބެއް ހޯދަން ކެތްމަދުވެފައިވާތީ ޖެހިގެން އައި ދުވަހު މެންދުރެއްހާއިރު އަހަރެން ޔޫޝައު ހޯދަން އެގެއަށް ދިޔައީމެވެ. ޔޫޝައު ބުނީ ތިއްތަ އެކަމާ އެބަ އުޅޭ ކަމުގައެވެ. އަދި އެރޭ އޮންނަ ބާބަކިޔުގެ ކުރިން ޖަވާބު އަހަންނާ ހަމައަށް ގެންގޮސްދޭނެކަމުގައި ޔޫޝައު ބުންޏެވެ. އެގޮތާ ހިތްހަމަޖައްސާލައިގެން އަހަރެން އެނބުރި ގެއަށް ދިޔައީމެވެ.

އެރޭ ބާބަކިޔު ރޭވިފައި އޮތީ 9 ޖަހާއިރުއެވެ. އެހާއިރަށްވެސް ކެތް ނުކުރެވިގެން 7 ޖެހިއިރު އަނެއްކާ ޔޫޝައުގެ ގެއަށް އަހަރެން ދިޔައީމެވެ. އޭރު ތިއްތަވެސް ގޭގައި އުޅެއެވެ. ތިއްތަ ފެނުމުން ވަރަށް ނޫން ކަމަށް ހަދާފައި އަހަރެން މައިޝާގެ ޖަވާބަކީ ކޮބައިތޯ އަހާލީމެވެ.

" މައި ބުނީ ނޫނެކޯ." ވަރަށް ދެރަވެލާފައި ތިއްތަ ބުނެލިއެވެ.

އެވަގުތު އަހަންނަށް ކުރެވުނު އިޙުސާސް ބަޔާންކޮށްދޭންވެސް ނޭނގެއެވެ. އެއްޗަކުން ހިތުގައި މީހަކު ޖެހި ކަހަލައެވެ. އަދި އެވަރަށް ލަދުވެސް ގަތެވެ. މައިޝާގެ ކުރިމައްޗަށް އަހަރެން ދެން އަރާނީ ކިހިނަކުންބާއޭ އަހަރެންގެ ހިތަށް އެރިއެވެ.

"މިއޮތީ ބާބަކިޔުއަށް އެއްޗެހި ގަންނަން އޮތް ލާރި. ތިއްތައާ އެކަން ހަވާލު. އަހަންނަކަށް ދެން ނުކެރޭނެ މައިޝާ ކުރިމައްޗަށް އަރާކަށްވެސް. ތިމީހުން ދެން މަޖާކޮށްލާ." އެވަގުތު އަހަރެން ބޭނުންވީ އެކަނިވެރިވެލާށެވެ.

"އައްދެ! ހާދަ ފިނޑިއޭ. އިހަށް މަޑުކޮށްބަލަ. އަސްލު އިނގޭތަ މައި ދިން ޖަވާބު؟ ޝީ ސެއިޑް ޔެސް" ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލަމުން ތިއްތަ ބުނެލިއެވެ.

"ނުވާނެ އެހެނެއް! ތިއުޅެނީ މިހާރު އަހަރެން ހައްދަން ދޯ؟" ޤަބޫލު ނުކުރެވިފައި އަހަރެން އެހީމެވެ.

"ނޫނެކޭ. މިހާރު މިބުނީ ހަމަ ތެދަށް. ފަޔާ ހަދާ އެއްޗެއް ބަލާލަން ކުރިން ބުނި އެއްޗެއް އެއީ. މިހާރު އެނގިއްޖެ ތިވަނީ އާދައިގެ ލޯތްބެއް ނޫންކަން. ދެންވެސް އުފާވެބަލަ." ތިއްތަ އަހަރެންނާ ދިމާކުރަން ފެށިއެވެ.

އެއީ އެހާތަނަށް އަހަރެން އެންމެ އުފާވި ދުވަހޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވީ އުފަލެއްގެ ބޮޑުކަމުން އަހަންނަށް ތިއްތަ އުރައި ނުލެވުނީ ކިރިޔާއެވެ.

ބާބަކިޔުއަށް ބޭނުންވާ އެއްޗެހި ގަނެ، ތައްޔާރުކުރަން އަހަރެމެން ތިއްބާ މައިޝާވެސް އައިސް އެގޭ ބަދިގެއަށް ވަނެވެ. އަހަންނަށް މައިޝާ ފެނުމުން އިސް ޖަހާލެވުނެވެ. އަހަރެންގެ ހިތުގެ ޙާލު މައިޝާއަށް އެނގުނު ފަހުން ބައްދަލުވީ ފުރަތަމަ ފަހަރު ކަމުން އަހަރެންގެ އަތް ފައިން އޮށްދާ ހިއްލަން ފެށިއެވެ. މުޅި ހަށިގަނޑުގައި މަޑުމަޑު ތުރުތުރެއްވެސް އުފެދުނެވެ. އޭރު އަހަރެން ހުރީ ކުކުޅު ފައި ތަކުގައި ގަޅި އަޅަން ސިންކު ކައިރީގައެވެ. އެހެން ހުއްޓާ މައިޝާ މަޑުމަޑުން އައިސް އަހަރެން ކައިރީގައި ހުއްޓިލިއެވެ.

"ކީއްވެ ކުރިން ނުބުނީ؟" މަޑުމަޑުން މައިޝާ އަހާލިއެވެ.

"އޭރު ދެން ކިޔެވުމަށް ފޯކަސްކުރަން ބޭނުންވާތީ." މައިޝާގެ މޫނަށް ނުބަލާ ހުރެ އަހަރެން ޖަވާބު ދިނީމެވެ.

"ދެން އެކަމަކު ބުނަންވެސް ތި އެނގުނީ ފުރަން އެއް ދުވަހަށް ވީމަ..... ފޮޓޯގަނޑެއް ދީފަ ދާތި." ޝަކުވާގެ ރާގަކަށް މައިޝާ ބުނެލިއެވެ.

މައިޝާ އެހެން ބުނުމުން ހިނިތުންވެލާފައި އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ. 

އެރެއަކީ އަހަރެންގެ ޙަޔާތުގައި މުޅިން އައު ބާބެއް ފެށުނު ރެއެކެވެ. ތިމާ ލޯބިވާ މީހާ ތިމާދެކެ ލޯބިވާކަން އެނގުމަކީ ހާދަ އުފާވެރި އިޙުސާސެކެވެ. އަހަންނަށް ހީވީ އަހަންނަށް ދުނިޔޭގެ ހުރިހާ އުފާވެރިކަމެއް އެއްފަހަރާ ލިބުނު ހެންނެވެ. އެރޭ ދެމީހުން އެކަކު އަނެކަކަށް ފޮޓޯ ބަދަލުކުރީމެވެ. އެއީ ކުރީގައި ލޯބި ވެރިން ކޮށް އުޅުނު ކަމެކެވެ. އޭރު ސްމާރޓް ފޯނެއް ނުހުރެއެވެ. އެދުވަސްވަރަކީ އެންމެ ފުރަތަމަ މޯބައިލް ފޯނު ރާއްޖެއަށް ތަޢާރަފްވެގެން އުޅުނު ދުވަސްވަރެވެ.

އެރޭ ހުރިހާ އެކުވެރިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ޖެހިގެން އައި ދުވަހު އަހަރެން މާލެ ފުރީ ވަރަށް ފޮނި ހުވަފެންތަކަކާއެކުއެވެ. ޢާއިލާ މީހުންގެ އިތުރުން މައިޝާވެސް ފަޚުރުވެރިވާނޭފަދަ މީހަކަށް ވުމުގެ މަތިވެރި މަޤްޞަދުގައެވެ. ދުނިޔެއަކީ ކިހާ ކެހިވެރި ތަނެއްކަމެއް އޭރު އަހަރެންގެ ޅަ ސިކުނޑިއަކަށް ނުވިސްނެއެވެ. ފަރުދާގެ ފުރަގަހުގައި އޭރު ރޭވެމުން ދިޔައީ ކޮންފަދަ ރޭވުމެއްކަމެއް އަހަރެމެން އެކަކަށްވެސް ނޭނގެއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
43
ގުޅުންހުރި ލިޔުންތައް

4 Responses

  1. މީހެއް

    Kon irakun anneh part annani

  2. ޫތޫ

    ދެވަނަ ބަޔަށް އިންތިޒާރު…. ވަރަށް ރީތިވާނެހެންހީވޭ… ކިހިނެއްބާ ދެން ވާނީ؟

  3. Beybe

    Varah kiyaahiy vaakahala gothakah adhi dhany. Thfaathu vaahaka akah vaane kamah unmeedhu kuran.

  4. SHAYAS

    Warah chaalu.. Eh faharun nimey kuru waahaka liyebala.. Inthizaaru kuran jeheythy..

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ