ނޭމާ ގެންނަން ކުރެވެންހުރި ހުރިހާކަމެއް ބާސެލޯނާއިން ކުރިކަމެއް ނޭނގޭ: މެސީ

2017 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ޕީއެސްޖީއާއި ގުޅުނު ނޭމާ އެނބުރި ބާސެލޯނާއަށް ގެންނަން ކުރެވެން ހުރިހާކަމެއް އެކްލަބުން ކުރިކަމެއް ނޭނގޭކަމަށް އެކްލަބުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

މިނިމުނު ހޫނު މޫސުމުގެ ޓްރާންސްފާގައި އެންމެ ގަދަޔަށް ދެކެވެމުންއައީ ނޭމާ އެނބުރި ބާސެލޯނާއަށް އަންނަން އުޅޭ ވާހަކައެވެ. އަދި ނޭމާ ގެންނަން ބާސެލޯނާއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވީނަމަވެސް އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާކަމަށް މެސީ ޤަބޫލުކުރެއެވެ.

"ނޭމާ އެނބުރި ބާސެލޯނާއަށް އަންނަން އަހަރެންވެސް ބޭނުން. ތެދަށް ބުނަނީނަމަ، ނޭމާ ގެންނަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ބާސެލޯނާއިން ކުރިކަމެއް ނޭނގޭ." މެސީ ބުންޏެވެ.

މީގެއިތުރުން މެސީ ބުނީ، ޕީއެސްޖީއާއި ވާހަކަ ދެއްކުމަކީ އުނދަގޫކަމެއްކަމަށާއި، ނޭމާގެ ސޮއި ހޯދަން ބާސެލޯނާގާތު ނުބުނާކަމަށެވެ. ނަމަވެސް މިކަމުގައި އޭނާ ޚިޔާލު ދީފައިވާނެކަމަށްވެސް މެސީވަނީ ބުނެފައެވެ.

އަދި ނޭމާގެ ސޮއި ނުލިބުނު ކަމުގައިވީނަމަވެސް މާބޮޑު ފަރުވާލެއް ނެތްކަމަށާއި މިހާރުވެސް ކްލަބުގައި ހުރިހާ ތައްޓަކަށް ވާދަކުރެވޭފަދަ ވަރުގަދަ ސްކޮޑެއް އެބައޮތްކަމަށްވެސް މެސީ ބުނެފައިވެއެވެ.

ބާސެލޯނާ ދޫކޮށްލުމުގެ ވިސްނުމެއް ގެންގުޅޭތޯ މެސީއާއި ކުރި ސުވާލަކަށް ޖަވާބު ދެމުން މެސީ ބުނީ، ބާސެލޯނާއަކީ އޭނާގެ ގެ ކަމަށްވާއިރު، ގެ ދޫކޮށްލަން ބޭނުންނުވާކަމަށެވެ. އަދި ބާސެލޯނާގައި ގިނަ ކާމިޔާބީތައް ހޯދަން ބޭނުންވާކަމަށްވެސް މެސީވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ