ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި ސަރުކާރުގެ ބަޖެޓުން ސިއްޙަތަށް ހޭދަކުރެވިފައިވާ މިންވަރަށް ބަލާއިރު އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ދިވެހިރާއްޖެ ކަމުގައި މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވެއްޖެއެވެ.
ހެލްތް މިނިސްޓްރީން މިހެން ވިދަޅުވީ ރާއްޖޭގެ ސިއްޙީ ކަންކަމަށް ކުރެވޭ ހޭދަ އަންދާޒާ ކުރުމަށާއި، ސިއްޙީ ވަސީލަތްތައް ބެހިގެންދާގޮތް ދެނެގަތުމަށްޓަކައި އެކުލަވާލެވިފައިވާ މޯލްޑިވްސް ނޭޝަނަލް ހެލްތު އެކައުންޓްސް 2015-17 އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައެވެ.
ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ދުނިޔޭގެ އެކި ގައުމުތަކުން ބޭނުންކުރަމުން ގެންދާ ޚާއްސަ ފްރޭމްވަރކް އެއްގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ މޯލްޑިވްސް ނޭޝަނަލް ހެލްތު އެކައުންޓްސް 2015-17 އަކީ މިނިސްޓްރީ އޮފް ހެލްތާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ގުޅިގެން މިފަދަ ރިޕޯރޓެއް އެކުލަވާލައި ޝާއިއު ކުރެވުނު ތިންވަނަ ފަހަރެވެ.
މި ރިޕޯޓްގެ ނަތީޖާތަކުން ދައްކާ ގޮތުގައި 2017 ގައި ރާއްޖޭގެ ސިއްޙީ ކަންކަމަށް 6000 މިލިޔަން ރުފިޔާއަށް ވުރެން ގިނައިން ޚަރަދު ކޮށްފައިވެއެވެ. މި ޚަރަދުތަކުގެ ތެރެއިން %77 އަކީ ސަރުކާރުން ޞިއްޙަތަށް ކޮށްފައިވާ ޚަރަދުތަކެވެ. އަދި ޞިއްޙީ ޚަރަދުތަކުގެ 60 އިންސައްތަ ޑޮކްޓަރަށް ދެއްކުމަށް ހޭދަކުރެވިފައިވާއިރު އެޑްމިޓްކުރުމަށް ހޭދަވެފައިވަނީ 19 އިންސައްތައެވެ. މީގެ އިތުރުން، 2017 ގައި ސަރުކާރުގެ ބަޖެޓުގެ 32.3 އިންސައްތަ ހޭދަކުރެވިފައިވަނީ ސިއްޙީ ދާއިރާއަށެވެ.
ހެލްތް މިނިސްޓްރީން ބުނެފައިވަނީ މިއީ ސަރުކާރުން ސިއްޙަތަށް ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއްކަމަށެވެ. މި ރިޕޯޓްގެ ހޯދުންތަކުގެ އަލީގައި ސިއްޙީ ދާއިރާއަށް ކުރާ ހޭދަ އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށްޓަކައި މުހިއްމު ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެކަމުގައިވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.




