މިރެއަކީ ބައިސްކޯފް އެޕް މެދުވެރިކޮށް ދިވެހިންގެ ތެރެއަށް ތައާރަފްވި ފާތުމަތު ނަހުލާގެ ކާމިޔާބު ވެބް ސީރީޒް "ހުވާ"ގެ ފިނާލޭ ދައްކާރެއެވެ.
ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް "ހުވާ"އަކީ ދިވެހިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސީރީޒްއެކެވެ. މި ސީރީޒް ގަވާއިދުން ބަލާ އެތައް ދިވެހިންނެއް އުޅޭއިރު މި ރެއަކީ ސީރީޒްގެ ފޭނުންނަށް ވަރަށް ހާއްސަ އަދި އެހާމެ ހިތާމަވެރި ރެޔެއްވެސްމެއެވެ.
މިހާތަނަށް "ހުވާ" ގެ 81 އެޕިސޯޑު ދައްކާފައިވާއިރު، މިރޭ ދައްކާނީ މި ސީރީޒްގެ 82 އަދި 83 ވަނަ އެޕިސޯޑު އެއްކޮށްލައިގެންނެވެ. އެހެންކަމުން މިރޭގެ އެޕިސޯޑުގެ ދިގުމިނަކީ 20 މިނެޓެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދައްކަން ފެށި މި ސީރީޒްއަކީ، އާއިލާގެ ތެރޭގައި ހިނގާ މައްސަލަތަކާއި އަދި އިޖްތިމާޢީ ގިނަ މައްސަލަތަކެއް މައްޗަށް އަލި އަޅުވާލައިގެން ގެނެސްދީފައިވާ އަސަރުގަދަ އަދި ޢިބްރަތްތެރި ސީރީޒްއެކެވެ.
9 މަސްދުވަހުގެ މުއްދަތަކަށްފަހު މި ސީރީޒް ނިއްމާލާއިރު، މިއީ ނަހޫ ގެ ވާހަކައަށް ނަހޫ އަދި ފައިސަލް ޑައިރެކްޓްކޮށް ގެނެސްދީފައިވާ މޮޅު ސީރީޒްއެކެވެ. ނަހޫ މި ވާހަކަ ގެނެސްދީފައިގޮތުން ސީރީޒްގެ ނިމުމާ ހިސާބަށް އައިއިރުވެސް ބެލުންތެރިންގެ މެދުގައި ސީރީޒްއަށް އޮތް ޝައުގުވެރިކަމަށް ބަދަލެއް އައިސްފައިނުވެއެވެ.
މި ސީރީޒްގެ މައިގަނޑު ކާސްޓުންނަކީ ރަވީ ފާރޫގް، ފައިސަލް މަރިޔަމް އައްޒަ، ޝީލާ ނަޖީބް، އިބްރާހީމް (ޖިމީ) ޖިހާދު، އައިމިނަތު ރިޝްފާ، އަލީ (ދޮންއައްޔަ) އާޒިމް، ޖާދުﷲ (ޖާދު) އިސްމާއީލް އަދި އާރިފާ އިބްރާހީމް އެވެ.
ގިނަ ދުވަސްތަކަކަށްފަހު "ހުވާ" ނިމޭއިރު، ބައިސްކޯފުން ނަހޫގެ އިތުރު މަސައްކަތްތައް ފެނިގެންދާނެކަމަށް މައުލޫމާތު ލިބެއެވެ.




