ސްކޫލް ދައުރުގައި ފުހޭ ރަބަރު ކެއިންދޯ؟

އެންމެ ކުޑައިރުގެ ހަނދާނުގެ ތެރެއަށް ޖެހިލަމާ ހިނގާށެވެ. ސްކޫލުދުވަސްވަރު ކުރި މަޖާ ނުވަތަ މޮޔަ ކަންތައްތަކަކީ ކުޑައިރުގެ އެންމެ ފޮނި ހަނދާންތަކެވެ. އޭގެތެރެއިން ބައެއް ހަނދާންތަކަކީ، ކުރެވުނު ކަންތައްތަކުގެ މޮޔަކަމުން ނުވަތަ މަޖާކަމުން ހަނދާނުން ފޮހެލަން ދަތި ކަންތައްތަކެކެވެ.

އެގޮތުން ސްކޫލް ދުވަސްވަރު އެންމެ ދައް ގްރޭޑްތަކުގައި ކިޔެވިއިރު، ސްކޫލަށްގެންދާ ފުހޭ ރަބަރަކީ އެއް އިރެއްގައި އަހަރެމެން އަނގަޔަށް ލައިގެން ހެފި އެއްޗެއް ދޯއެވެ!؟ މިކަމާއި ދެކޮޅުވާނެ ދިވެއްސަކުވެސް މަދުވާނެއޭ ބުނެވިދާނެއެވެ.

އަނގަޔަށް ޗުއިންގަމެއް ލައިގެން ހަފާ އުސޫލަށް އެ ދުވަސްވަރު އެންމެ ގަދަޔަށް ކުލާސްތެރޭގައި ހަފާއެއްޗަކަށް އޮންނާނީ ފުހޭ ރަބަރެވެ. އެކި ކުލަކުލައިގެ ފުހޭ ރަބަރު އަނގަޔަށް ލައިގެން ހަފާއިރު ހީވާނީ ހަމަ އަސްލަށްވެސް މީރުވެގެން ޗުއިންގަމެއް ހަފާހެންނެވެ. ކޮންމެއަކަސް މިއީ ހަމަ އަސްލުވެސް އެދުވަސްވަރު ބައެއް ކުދިން އަނގަމީރުކޮށްލަން ކޮށްއުޅުނު ކަމެކެވެ.

އެއް ދުވަސްވަރެއްގައި އެކި އެކި މޭވާތަކުގެ ވަސްދުވާ ފުހޭ ރަބަރުތަކެއްވެސް ސްކޫލަށް ގެންދިޔަ ހަނދާނެއްވެއެވެ. އެކަމަކު ބޭނުމަކީ، އެ ދުވާ އެކިވައްތަރުގެ ފޮނި މީރުވަހުން އަނގަ މީރުކޮށްލުމެވެ. އަނގަޔަށް ލާ ހަފާލުމަށްފަހު އަނގަވާޅުވުމުން ހައްޕުޑުގަނޑު ބައެއް ކުދިން އެއްލާލާއިރު، އަނެއްބައިކުދިން ރަބަރު ހަފާ ކާލާފަހަރުވެސް އާދެއެވެ.

ކުލާސް ގަޑީގައި ފުހޭ ރަބަރުގެ ބޭނުން ޖެހޭއިރު ބައެއް ކުދިންގެ އަތުގައި ގިނަ ފަހަރު އޮންނާނީ އަބަދުވެސް އެއްފަޅި ކާލަފައި އޮންނަ ރަބަރެކެވެ. ރަބަރުގައި ދަތްޖަހާފައި އިންނަ ތައްގަނޑު ރީއްޗަށް އަރާފައި އޮންނައިރު، ކުލާސް ގަޑީގައި ފުހޭ ރަބަރުގެ އަނެއްފަޅި އޮންނާނީ އަނގައިގައެވެ. އަދި އަވަސް އަވަހަށް އުދުވަސްވަރު މަންމަމެންނަށް ފުހޭ ރަބަރު ގަންނަން ޖެހެނީވެސް ހަމަ މި ސަބަބާއިހުރެކަމަށް ވެދާނެއެވެ.

މިއީ ކުޑައިރުގެ ހަނދާނުގެ ތެރެއިން ކުރެވުނު މޮޔަކަމެއްކަމުގައިވިޔަސް، މި ފަދަ ހަނދާންތަކަކީ ކުޑައިރުގެ އެންމެ ފޮނި ހަނދާންތަކެކެވެ. ބައެއް ފަހަރު މިކަން ނޭނގި ހުރެވެސް ކޮށްލެވޭއިރު، ފުހޭ ރަބަރުގެ އިތުރުން ފަންސޫރުގެ ފޫ ކާލުމަކީވެސް އަހަރެމެން ކުޑައިރު ކޮށްއުޅުނު ކަމެކެވެ. އަދި މިގޮތަށް ފުހޭ ރަބަރު ކެއުމުން ހަނދާން ބަލީ ފުހޭ ރަބަރުކާތީއޭ މަންމަމެން ބުނާ ހަނދާން ވޭދޯއޭވެ؟

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ