ތިލަދުންމަތީ ދެކުނުބުރީ ކުރިނބީއަށް އުފަން، އެރަށު ގަސްދޮށުގޭ ޢަލީ ޝަމީމް މުޙައްމަދަކީ އެންމެ ކުޑައިރުންސުރެވެސް ހިތްވަރުގަދަ ދިވެހި ދަރިއެކެވެ. ލޯފަން ޒުވާނެއް ނަމަވެސް ޒުވާން ދުވަސްވަރު ނުކުރާކަށް ކަމެއް ނެތެވެ. ރަށުގެ އެހެން ޒުވާނުންނަށް ދޫދިން އެންމެ ކަމެއްވެސް ނެތްމެއެވެ. ބައިވެރިނުވާ ކުޅިވަރެއް ނެތްތާ ބައިވެރިނުވާ އިޖުތިމާއީ ހަރަކާތެއްވެސް ނެތީއެވެ.
ކުޅަދާނަ ޒުވާނެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޢަލީ ޝަމީމް އަކީ ލޯފަން ކުދިންގެ ހައްޤުގައި މަސައްކަތްކުރާ ޖަމްއިއްޔާ (ބީވީއައިއެސްއެމް) ގެ ފައުންޑަރ މެންބަރެކެވެ. ޢަލީގެ އިތުރުން އެ ޖަމްއިއްޔާގެ ފައުންޑަރުންނަކީ އެޖަމްއިއްޔާގެ މިހާރުގެ ރައީސް މުޙައްމަދު މާޒިން، ހުސައިން ޝަރީފް އަދި މުޙައްމަދު މުސްލިމްގެ އިތުރުން މުޙައްމަދު އަފާޒެވެ. މި ފަހުލަވާނުންނަށް އެހީތެރިވި އެހެން ޒުވާނުންވެސް އުޅުނުމެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި އޮންނަ ދޫނިދޫގެ މިސްކިތުގެ އިމާމުގެ މަޤާމް އަދާކުރައްވާ ޢަލީ ޝަމީމްއަކީ، 2010 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ބީވީއައިއެސްއެމްގެ ބޯޑް މެންބަރެކެވެ. އެއަށްފަހު 2013 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރަށް އެ ޖަމްއިއްޔާގެ ނައިބު ރައީސްގެ މަޤާމު ފުރުއްވިއެވެ. އަދި އެ ދުވަސްތަކުގައި ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދެވަނަ ދައުރަކަށް އެ ޖަމްއިއްޔާގެ ނައިބު ރައީސްކަން ޢަލީ ޝަމީމް މިހާރު އެ ގެންދަވަނީ ފުރުއްވަމުންނެވެ.
ބީވީއައިއެސްއެމްގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުމަށް ވަގުތު ކުޑަތަންވެފައިވަނިކޮށް ޢަލީ ޝަމީމް "ފެށުމަށް" ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވިދާޅުވީ، އެ ޖަމްއިއްޔާގެ ރައީސް ކަމުގެ މަޤާމަށް ކުރިމަތިލެއްވީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށާއި، މެންބަރުން ރުހުން ދެއްވައިފިނަމަ ޖަމްއިއްޔާގެ މެންބަރުންގެ ހައްޤުގައި ކުރަންޖެހޭ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.
"އުއްމީދަނީ ކަންކަން ހާސިލް ކުރުމުގައި މުއައްސަސާތަކާ އެކު މަސައްކަތް ކުރެވިގެން، ހެޔޮ ބަދަލެއް ފެނި، މެންބަރުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިވެ، މެންބަރުންގެ ފަރާތުންވެސް ދިވެހި މުޖުތަމަޢުއަށް ފައިދާހުރި ކަންތައްތަކެއް ކުރެވޭނެފަދަ ޤާބިލް މެންބަރުންނަށް ބީވީއައިއެސްއެމްގެ މެންބަރުން ހެދުން" ތަސައްވަރު ހާމަކޮށް އަލީ ޝަމީމް ވިދާޅުވިއެވެ.

ޢަލީ ޝަމީމް ވިދާޅުވީ، ލޯފަން މީހުންނަށް ދޭ އެލަވަންސަކީ 2000ރ ގެ ގޮތުގައި އޮންނަން ނުޖެހޭ ކަމަށާއި، އެ އިނާޔަތް އިތުރު ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އިނާޔަތް ރަނގަޅު ކުރެވޭނެ ކަމަށް އަދި ބޭރުގެ އެމްބަސީތަކާއި، އެހެނިހެން ޖަމްއިއްޔާތަކާއި މުއައްސަސާތަށް މެދުވެރިކޮށް ލިބެންޖެހޭ ލުއި ފަސޭހަތަކާއި، މަންފާތައް ހޯއްދަވައިދެއްވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް ކަމަށްވެސް ޢަލީ ޝަމީމް ވިދާޅުވިއެވެ.
ބީވީއައިއެސްއެމްގެ ރައީސްކަމުގެ މަޤާމަށް ޢަލީ ޝަމީމް އާއި ވާދަކުރައްވަން އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނެތަތީވެ، މިރޭ 21:00 ގައި ސޯޝަލް ސެންޓަރުގެ ފުރަތަމަ ފަންގިފިލާގައި ފެށޭ އެ ޖަމްއިއްޔާގެ އިންތިޚާބުގައި އެ މަޤާމަށް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ. ޝަމީމް ވިދާޅުވީ، އެ ޖަމްއިއްޔާގެ ރައީސަކަށް އިއްތިފާޤުން އެއްވެސް ބޭފުޅަކު ވަޑައިގެންފައި ނެތްކަމަށާއި، ނަމަވެސް އޭނާއަށް "ނޫނެކޭ" ބުނާނެ ބީވީއައިއެސްއެމްގެ މެންބަރަކު މަދުވާނެ ކަމަށެވެ.
"ބީވީއައިއެސްއެމް އިން ކުރަން ބޭނުންވާ ކަންކަން ހާސިލުކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން. ވޭތުވެދިޔަ ދުވަސްތަކާ އަޅާބަލާއިރު ތަފާތުތަކެއް ފެނިގެންދާނެ. ތިބޭފުޅުންގެ ފޮނި އުއްމީދުތަކުގައި ބޮލާލައި ނުޖަހާނަން." ބްލައިންޑް އެންޑް ވިސުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ މެންބަރުންނަށް ޚާއްޞަ މެސެޖް ފޯރުކޮށްދެމުން ޢަލީ ޝަމީމްގެ ވިދާޅުވިއެވެ.
ބީވީއައިއެސްއެމްގެ ރައީސް ކަމަށް ވާދަކުރައްވާ ޢަލީ ޝަމީމް އަދި އެ ޖަމްއިއްޔާގެ އެހެނިހެން މަޤާމްތަކަށް ވާދަކުރައްވާ ފަރާތްތަކަށް "ފެށުން" ގެ ފަރާތުން ފުރިހަމަ ކާމިޔާބީއަށް އެދެމެވެ.