ކުރީގެ ރައީސް ޢަބްދުﷲ ޔާމީން - ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ކަލަންޑަރުން 100 ދުވަސް ވީކަމެއް ނޭނގޭ - ޔާމީން

ރައީސް އޮފީހުގެ ކަލަންޑަރުން 100 ދުވަސް ވީކަން އެނގިވަޑައި ނުގަންނަވާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، "ދަވާލައިފި" ގެ ނަމުގައި ޕްރޮގްރެސިވް ކޯލިޝަނުން މިހާރު މާލޭގައި ބާއްވަމުންދާ ސިޔާސީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ، ވަޢުދު ފުއްދުމުގެ ކަންފުޅެއްވެސް ސަރުކާރުގައި ނެތް ކަމަށާއި، ކޮންމެ ކަމެއްވެސް ޖައްސަވަނީ ކުރީގެ ސަރުކާރުގެ ބޮލަށް ކަމަށެވެ.

"ކޮބައިތޯ ވީ ހުރިހާ ވައުދު، ކޮބައިތޯ އިހުލާސްތެރިކަމެއް ފުއްދުމުގައި، ކަންފުޅެއްވެސް އަޅުގަނޑުމެންނަކަށް ފެނިގެން ހިނގައްޖެތޯ، ނެތެއްނޫންތޯ! މިހާރު ކިހިނެތްތޯ ވަނީ؟ މިހާރު ވާހަކަ އޮޅިގެން މިދަނީ، ކޮންމެ ކަމެއް ނުވެގެން މިދަނީ ކުރީގެ ސަރުކާރުން އެކަން ނުކުރީމަ!" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، ސަރުކާރަށް އަހަރެއް ވެގެންދާއިރު ހައްތަހާވެސް ކިޔަމުންދަނީ "އަންނަނީ" ކަމަށެވެ.

"މިހާރު ހުސްވެގެން މިދަނީ އެއް އަހަރު، އެއް އަހަރު ހުސްވެގެން ދާއިރުގައި މި ވިދާޅުވަނީ ކުރީގައި އަޅުގަނޑު ދެންނެވި ގޮތަށް، އަންނަނީ އަންނަނީ، އިންޓަނެޓްގެ އަގުވެސް ވަރަށް އުފާވެރި ޚަބަރެއް، ވަރަށް އަވަހަށް އަންނާނެ، މަޝްރޫއުތައްވެސް މިއޮއް އަންނަނީ، އެއް އަހަރު ހުސްވެ ދިޔައީ، އެކަމަކު އަދި ރައީސް އޮފީސް ކަލަންޑަރުން ސަތޭކަ ދުވަސްވެސް ވީކަމެއް ނޭނގެ!" ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ، ރައީސް އޮފީސް ކަލަންޑަރުން އަހަރެއް ވީކަން އެނގިވަޑައި ނުގަތް ނަމަވެސް ރައްޔިތުން އުފުލާ ބުރަޔާއި، ބަރުދާސްތުކުރާ ހިތްދަތިކަމަށް ބަލާކަމަށްވާނަމަ، ސަރުކާރަށް އަހަރަކށްވުރެ މާ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

"އެހެންވީމާ ބަލާވެރިކަމެއްގައި ތިބޭއިރު އެއް ދުވަސްވެސް އަޅުގަނޑުމެންނަށް އިޙްސާސް މިކުރެވެނީ ތިން އަހަރުކަމަށް." ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އަދުގެ ސަރުކާރުން ދައުލަތް ދަވާލާފައިވާ ކަމަށް ވިދާޅުވެ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ