ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް "ހުވާ" ގެ ފިނާލޭ އެޕިސޯޑް މިރޭ ދައްކާފައިވާއިރު ސީރީޒްގެ ދެވަނަ ސީޒަނެއް ނެރޭނެ ކަމުގެ އިޝާރާތެއް ދީފިއެވެ.
ފާތުމަތު ނަހުލާގެ ސްކްރީންޕްލޭއަކަށް، "ބައިސްކޯފު" އިން ދައްކަންފެށި "ހުވާ" ގެ ފިނާލޭ އެޕިސޯޑް ނިންމާލާފައިވަނީ"ޓް ބީ ކޮންޓިނިއުޑް" އޭ ބުނެ ބެލުންތެރިންގެ ހިތްތަކުގައި ސުވާލު އުފައްދަމުންނެވެ.
"ފެށުމަށް" ނަހުލާ ބުނީ، މިރޭގެ ފިނާލޭ އެޕޮސޯޑް ނިންމާލަމުން މެސެޖް ދިންގޮތަށް، ސީރީޒްގެ އައު ސީޒަނެއް ނެރުމަށް ވިސްނަމުންދާ ކަމަށެވެ.
ދެވަނަ ސީޒަނެއް ނެރުމާމެދުގައި ހުވާގެ ތަރިންނާ މަޝްވަރާކޮށްފައިވާނެ ކަމަށާއި، ހުރިހާ ތަރިންވެސް ތިބީ ދެވަނަ ސީޒަނެއްގައި މަސައްކަތް ކުރުމަށް ޝައުގުވެރިވެފައި ކަމަށް ނަހުލާ ބުންޏެވެ. ނަމަވެސް ދެވަނަ ސީޒަނާ ގުޅޭގޮތުން އިތުރު ވާހަކަ މިވަގުތު ދެއްކެން ނެތްކަމަށް ނަހުލާ ބުންޏެވެ.
2018 ނޮވެމްބަރު 29 ގައި ބައިސްކޯފުން ދައްކަންފެށި "ހުވާ" ސީރީޒްގެ 82 އެޕިސޯޑާއެކު ސީޒަން އެކެއް މިރޭ ވަނީ ނިންމާލާފައެވެ. ފަހު އެޕިސޯޑް ބައިސްކޯފުން ދައްކަން ފެށި ވަގުތު އެތައް ހާސް ބަޔަކު އެޕް ބޭނުންކުރަން ފެށުމާއެކު އެޕަށް ވަނުމުގައިވެސް ދަތިތަކެއް ދިމާވިއެވެ.
"ހުވާ" އަކީ އާއިލާގެ ތެރޭގައި ހިނގާ މައްސަލަތަކާއި އަދި އިޖްތިމާޢީ ގިނަ މައްސަލަތަކެއް މައްޗަށް އަލި އަޅުވާލައިގެން ގެނެސްދީފައިވާ އަސަރުގަދަ އަދި ޢިބްރަތްތެރި ސީރީޒްއެކެވެ.
ދިވެހި ފިލްމަށް ލޯބިކުރާ ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ "ހުވާ" ގެ ތަރިންގެ ތެރޭގައި ރަވީ ފާރޫގް، މުހައްމަދު ފައިސަލް، މަރިޔަމް އައްޒަ، ޝީލާ ނަޖީބް، އިބްރާހީމް (ޖިމީ) ޖިހާދު، އައިމިނަތު ރިޝްފާ، އަލީ (ދޮންއައްޔަ) އާޒިމް، ޖާދުﷲ (ޖާދު) އިސްމާއީލް އަދި އާރިފާ އިބްރާހީމްވެސް ހިމެނެއެވެ.




ހިޔާލު
heekurogothaa khilaafah nimun ehaa reecheh noo