ޑާކްރެއިން އަށް 13 އަހަރު - ގިނަ އެވޯޑްތަކަކާއެކު ބާރަށް ކުރިއަށް!

ދިވެހި ފިލްމް އިންޑަސްޓްރީގެ އެންމެ އުސް ހަރުފަތުގައި ވިދަމުންދާ ޕްރޮޑަކްޝަން ހައުސް "ޑާކް ރެއިން އެންޓަޓެއިންމެންޓަށް" އިއްޔެ މިވަނީ 13 އަހަރު ފުރިފައެވެ.

2006 ވަނަ އަހަރު މުނިފޫހިފިލުވުމުގެ ދާއިރާއަށް ވަން، މި ސްޓޫޑިއޯއަކީ، މިހާރު ދިވެހިންގެ ލޯތްބާއި އަދި އިތުބާރު ހޯދައިވާ ޕްރޮޑަކްޝަން ހައުސްއެކެވެ. ޓީވީއެމް އަށް ޑްރާމާ ސިލްސިލާ އުފައްދައިދިނުމާއި އިޝްތިހާރު ހެދުމާއި އޯޑިއޯ ރެކޯޑިން ހަދައިދިނުން ފަދަ ކަންކަމުން ސްޓޫޑިއޯ ފެށިއިރު، ރަނގަޅު ތަފާތު މޮޅު މަސައްކަތްތަކެއް ބެލުންތެރިންނާ ހަމައަށް ޑާކް ރެއިން އިން އަންނަނީ ގެނެސްދެމުންނެވެ.

ޑާކްރެއިންއަށް 13 އަހަރުފުރުމާއެކު ރޭގެ ވަގުތެއްގައި ޑާކްރެއިންގެ ޕްރޮޑިއުސަރު މުޙައްމަދު ޢަލީ (މޮގާ) ކޮށްފައިވާ ޓްވީޓެއްގައި އެ ޕްރޮޑަކްޝަން ހައުސް އިން ގެނެސްދޭންހުރި އިތުރު ފިލްމުތައްވެސް ވަނީ ހާމަކޮށްފައިވެއެވެ.

ރާއްޖޭގައި ފުރަތަމަފަހަރަށް ފިލްމެއް އެއްކޮށް ސްޓީރިއަސްކޯޕިކް 3ޑީކޮށް ޝޫޓުކޮށް، ސިނަމާގެ 3ޑީކޮށް ސްކްރީން ކުރުމުގެ ލަގަބާއެކު، ޑާކް ރެއިން އިން މިހާތަނަށްވަނީ، 8 ޓީވީ ސީރީޒްއަކާއި، 4 ކުރު ފިލްމަކާއި، އަދި 12 ފީޗާ ފިލްމް އުފައްދާފައިވެއެވެ.

މީގެ އިތުރުން ޑާކްރެއިންއަކީ، އެ ސްޓޫޑިއޯގެ ބޮޑެތި މަސައްކަތްތަކުން ޒުވާން އާ ފަންނާނުންނަށް ފުރުސަތު، ފިލްމީ ދާއިރާއަށް ހުނަރުވެރި އެތައް ފަންނާނުންތަކެއް ތައާރްފްކޮށްދީފައިވާ ސްޓޫޑިއޯއެކެވެ.

ޑާކް ރެއިން އިން ކުރިއަށް ގެނެސްދޭންހުރި ފިލްމުތަކުގެ ތެރެއިން، ހޫދު އިބްރާހިމް ލިޔެ އަހްމަދު ޝިނާން ޑައިރެކްޓްކުރާ ”ބަޅިނދު“ ފިލްމާއި މޫމިން ފުއާދު ލިޔާ ”ބައިސާ“ ގެ މަސައްކަތް ރޭވިފައިވާކަމަށް މޮގާ ވަނީ އިއުލާންކޮށްފައެވެ. އަދި ”ބައިސާ“ގެ ލީޑް ރޯލު ކުޅުމަށް ބަތަލާ ނުޒުހަތު ޝުއައިބަށް ހުށައެޅުމުން ނުޒޫ އެ ހުށައެޅުން ބަލައިގެންފާވާކަމަށްވެސް މޮގާ ވަނީ ހާމަކޮށްފައެވެ.

ޑާކް ރެއިން ޕްރޮޑަކްޝަން ސްޓޫޑިއޯއަށް 13 އަހަރު ފުރުން ފާހަގަކުރާއިރު، މިހާތަނަށް މި ސްޓޫޑިއޯގެ ފިލްމްތައްވަނީ ބައިލްއަޤްވާމީ އަދި ސަރަހައްދީ ފިލްމް ފެސްޓިވަލް ތަކުގައާއި އަދި ޤައުމީ ފިލްމް އެވޯޑްތަކުގައި ބައިވެރިކޮށް ދިވެހި ފިލްމް ޕްރޮޑަކްޝަނަކުން މިހާތަނަށް ހޯދާފައިނުވާވަރުގެ ކާމިޔާބީއެއް ހޯދައިފައިވާކަން ފާހަގަކުރަންޖެހެއެވެ. އެގޮތުން ޑާކްރެއިންގެ އުފެއްދުންތަކަށް 52 އެވޯޑު ލިބިފައިވެއެވެ.

މިއަހަރު ޑާކް ރެއިން އިން ގެނެސްދިން ފިލްމްތަކަކީ، ފިލްމު ”ގޮށްރާޅު“ އަދި ”މާމުއި“ އެވެ. މި ދެ އުފެއްދުންވެސް ބެލުންތެރިން ވަނީ ބަލައިގަނެފައެވެ.

ޑާކް ރެއިންއެންޓަޓެއިން މެންޓްއިން، 13 އަހަރުގެ ތެރޭގައި ދިވެހި ފިލްމް އިންޑަސްޓްރީ އަށް ގެނެސްދީފައިވާ ކުރިއެރުން ފާހަގަކޮށް މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކަށް "ފެށުން" ޓީމުގެ ފަރާތުން މަރުހަބާދަންނަވަމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ