ސްޕެނިޝް ލަލީގާގައި ރޭ ވެލެންސިއާއާއި ދެކޮޅަށް ކުޅުނު މެޗުގައި ބާސެލޯނާގެ އަންސޫ ފަޓީ ކާމިޔާބުކޮށްދިން ލަނޑާއެކު އޭނާ ލަލީގާގެ ތާރީޚްގެ ތެރެއަށް ވަދެއްޖެއެވެ.
އުމުރުން 16 އަހަރާއި 318 ދުވަހުގެ ފަޓީ ރޭގެ މެޗުގައި ބާސެލޯނާއަށް އެއް ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، އަދި އިތުރު އެއްލަނޑު ޖެހުމަށްވަނީ އެހީތެރިވެދީފައެވެ. މިއާއެކު ލަލީގާގެ ތާރީޚުގައި އެންމެ ޒުވާން އުމުރުގައި މެޗެއްގައި ލަނޑެއްޖަހައި އަދި އިތުރު ލަނޑެއް ޖެހުމަށް އެހީތެރިވެދިން އެންމެ ޒުވާން ކުޅުންތެރިޔާއަށް ފަޓީވަނީ ވެގެން ގޮސްފައެވެ.

ބާސެލޯނާގެ ކޭމްޕްނޯގައި ކުޅެވުނު މިމެޗު އެޓީމުން ކާމިޔާބުކޮށްފައިވަނީ 5-2 ގެ ނަތީޖާއަކުންނެވެ.
ބާސެލޯނާގެ ލަނޑުތައް ޖަހާދީފައިވަނީ ފަޓީ، ފްރެންކީ ޑިޔޮން، އަދި ޕީކޭގެ އިތުރުން ލުއިސް ސުއަރޭޒްއެވެ. އަނިޔާއަށްފަހު ބާސެލޯނާ ޓީމާއި ގުޅުނު ސުއަރޭޒްވަނީ ރޭގެ މެޗުގައި ދެލަނޑުޖަހާފައެވެ.
ވެލެންސިއާގެ ދެލަނޑު ޖަހާދީފައިވަނީ ކެވިން ގޮމޭރޯއާއި ގޮމޭޒް ގޮންޒަލޭޒްއެވެ.
ރޭގެ މެޗަށް ބާސެލޯނާއިން ނުކުތް ޓީމުގައި ކެޕްޓަން ލިއޮނަލް މެސީ ހިމެނިފައެއްނުވެއެވެ. ރޭގެ މޮޅާއެކު މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނު ޖުމްލަ 7 ޕޮއިންޓާއެކު ބާސެލޯނާއޮތީ ތާވަލްގެ ހަތަރު ވަނާގައެވެ. މިއީ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށްވުރެ ދެޕޮއިންޓް މަދު އަދަދެކެވެ.



