ކޮންމެ ފަހަރަކު 100 ޕޮއިންޓް ލިބޭނެކަމަށް އުންމީދުކޮށްގެން ނުވާނެ: ގާޑިއޯލާ

އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ނޯވިޗްއަތުން މެންޗެސްޓާ ސިޓީ ދަށްވި މެޗަށްފަހު ވާހަކަ ދައްކަމުން، ކޮންމެ ފަހަރަކު 100 ޕޮއިންޓް ލިބޭނެކަމަށް އުންމީދުކޮށްގެން ނުވާނެކަމަށް ސިޓީގެ ކޯޗު ގާޑިއޯލާ ބުނެފިއެވެ.

ނޯވިޗް ދަނޑުގައި ކުޅެވުނު މިމެޗުން ސިޓީ ދަށްވެފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

ސިޓީއިން މެޗު ކޮންޓްރޯލްކުރި ނަމަވެސް ހުށިޔާރު ނޯވިޗުން ލިބޭ ފުރުޞަތު ތަކުގެ ބޭނުން ހިފައި ސިޓީއަށް ޕްރެޝަރު ކުރަމުން ދިޔަ މިމެޗުގެ ފުރަތަމަ ދެލަނޑުވެސް ޖެހީ ނޯވިޗުންނެވެ. ފުރަތަމަ ހާފުގައި ފެނިގެންދިޔަ މިދެލަނޑު ޖަހައިދިނީ ކެނީ މެކްލީންއާއި ޓޮޑް ކާންޓްވެލްއެވެ.

ދެގޯލްގެ ލީޑެއްގައި ނޯވިޗުން ފުރަތަމަ ހާފު ނިންމާލަން ދަނިކޮށް ފުރަތަމަ ހާފުގެ ފަހު މިނަޓްގައި އަގުއޭރޯ ޖައިދިން ލަނޑަކާއެކު ސިޓީ އަލުން ގޭމްގެ ތެރެއަށް ގެނައެވެ.

އެއާއެކު މުޅިން އާހިތްވަރަކާއެކު ދެވަނަ ހާފަށް ސިޓީ ނުކުތްނަމަވެސް ދެވަނަ ހާފު ފެށުނުތާ ފަސްވަނަ މިނަޓްގައި ނޯވިޗުން އިތުރު ލަނޑެއްޖަހއި ސިޓީ ޙައިރާންކޮށްލިއެވެ. މެޗުގެ 50 ވަނަ މިނަޓްގައި ފެނިގެން ދިޔަ މިލަނޑު ނޯވިޗަށް ޖަހައިދިނީ ޓީމު ޕުކީއެވެ.

ސިޓީގެ ފަހަތަށް ކުޅުނު ނިކޮލަސް އޮޓަމެންޑީއާއި ޖޯން ސްޓޯންސް،ގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ މިމެޗުގައި ސިޓީއިންޖެހި ދެވަނަ ލަނޑު މެޗުގެ 88 ވަނަ މިނަޓްގައި ޖަހައިދިނީ ރޮޑްރިގޯއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކީޗު ގާޑިއޯލާ ބުނީ، ކުޅޭ ކޮންމެ މެޗެއް ސިޓީން ކާމިޔާބުކުރާނެކަމަށް ސަޕޯޓަރުން ދެކިގެން ނުވާނެކަމަށާއި، ކޮންމެ ފަހަރަކު 100 ޕޮއިންޓް ލިބޭނެކަމަށް އުންމީދުކޮށްގެން ނުވާނެކަމަށެވެ.

ރޭގެ މެޗުން ދަށްވެ ތާވަލްގެ ދެވަނައިގައި އޮތް ސިޓީވަނީ އެއްވަނައިގައި އޮތް ލިވަޕޫލަށްވުރެ ފަސް ޕޮއިންޓް ފަހަތަށް ޖެހިލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ