ސްޕެނިޝް ލަލީގާގައި އިއްޔެ ހަވީރު ލެވެންޓޭ އަތުން މޮޅުވި މޮޅުވުމަކީ ތަފާތު ރަނގަޅުކަމެއްގެ ފެށުމެއްކަމަށް އުންމީދުކުރާކަމަށް ލީގުގައި ފުރަތަމަ ފަހަރަށް ރެއަލްމެޑްރިޑް ޖާޒީގައި ފެނިގެންދިޔަ އެޑަން ހަޒާޑު ބުނެފިއެވެ.
2-3 ގެ ނަތީޖާއަކުން ރެއަލްމެޑްރިޑް މޮޅުވި މިމެޗުގައި ހަޒާޑު ފެނިގެން ގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ.
މެޗުގައި ރެއަލްމެޑްރިޑުން ޖެހި ތިން ލަނޑުވެސް ފެނިގެންގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. ރެއަލްމެޑްރިޑްގެ ލަނޑުތައްޖަހައިދިނީ ބެންޒެމާއާއި ކަސެމީރޯއެވެ. ރޭގެ މެޗުގައި ބެންޒެމާވަނީ ދެލަނޑު ޖަހާފައެވެ.
ތިންލަނޑު ދަށުގައި އޮވެ ދެވަނަ ހާފު ފެށި ލެވެންޓޭއިންވަނީ މެޗުގެ ދެވަނަ ހާފުގައި ދެ ލަނޑުޖަހައި ރެއަލްމެޑްރިޑް ޙައިރާންކޮށްލާފައެވެ. ލެވެންޓޭގެ މަޔޯރަލްއާއި މެލެރޯގެ ލަނޑާއެކު ލެވެންޓޭއަށް އުންމީދުތަކެއް ގެނުވިނަމަވެސް މެޗުގައި އިތުރު ލަނޑެއްނުޖެހި މެޗު ނިމިގެންދިޔައީ ލެވެންޓޭ މެޗުން ބަލިވެގެންނެވެ.
"އަހަރެން ބޭނުންވަނީ ޓީމު ކުޅުންތެރިންނާއެކު ގިނަ މެޗުތަކެއް ކުޅެ އެކަމުގެ އުފާ ލިބިގަންނަން. އުންމީދުކުރަނީ މިއީ ތަފާތު ރަނގަޅުކަމެއްގެ ފެށުންކަމަށް." ހަޒާޑު ބުންޏެވެ.
މީގެއިތުރުން ހަޒާޑު ބުނީ ރެއަލްމެޑްރިޑްގެ ބާނަބޯ ސްޓޭޑިއަމްއަކީ ވަރަށް ޚާއްސަ ސްޓޭޑިއަމްއެއްކަމަށާއި، އިއްޔެގެ މެޗުގައިވެސް ސަޕޯޓަރުންވަނީ ޓީމު ބަލިވިޔަނުދީ ހިފަހައްޓާފައިކަމަށެވެ.
ރޭގެ މޮޅާއެކު ކުޅުނު ހަރަތު މެޗުން ލިބުނު 8 ޕޮއިންޓާއެކު ރެއަލްމެޑްރިޑަށް ލިބެނީ ތާވަލްގެ ދެވަނައެވެ. އެއްވަނައިގައި އޮތް އެތިލެޓިކޯ މެޑްރިޑަށްވަނީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދާފައެވެ.




