ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލުކޮށްފައިވާ އެންމެހާ މައްސަލަތަކުގެ ޝަރީއަތްތައް ކެންސަލްކޮށްފިއެވެ.
މިއަދަށް ތާވަލުކުރި ހުރިހާ ޝަރީއަތްތަކެއް ކެންސަލްކުރި ސަބަބު ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޮންލައިން ނޫސް "ސަން" އިން ރިޕޯޓްކޮށްފައިވަނީ ޝަރިއަތްތައް ކެންސަލްކޮށްފައިވަނީ އެ ކޯޓުން ކަތުރުފަނި ނައްތާލުމަށްޓަކައި ކަމަށެވެ.
މީގެ ކުރިންވެސް ކަތުރުފަނީގެ އުނދަގޫ ބޮޑުވެފައިވާ ކްރިމިނަލް ކޯޓުގައި ކަތުރުފަނި ނައްތާލުމަށް މިއަދު ބޭސް ޖަހާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކަތުރުފަނި ނައްތާލުމަށް އަދުގެ ހުރިހާ ޝަރީއަތްތަކެއް ކެންސަލްކުރިއިރު، މާލޭ އޮޓޯ ގަރާޖު ކައިރީގައި 14 އަހަރުގެ އިސްމާއިލް ސައްފާނު މަރާލި މައްސަލައާއި، މާލޭ ޓާމިނަލް ކެފޭ ތެރޭގައި މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގެ އިތުރުން އެމްއެމްއޭ ކައިރީގައި މަރާލި އިބްރާހިމް އާގިލްގެ މަރުގެ މައްސަލައިގެ އަޑުއެހުންތައްވެސް މިއަދަށް ތާވަލުކޮށްފައިވެއެވެ.
ޝަރީއަތްތައް ކެންސަލް ކުރިނަމަވެސް، ބަންދުގައި ތިބޭ މީހުންނަށް މުއްދަތު ޖެހުމުގެ ކަންކަން އެ ކޯޓުގައި މިއަދުވެސް ކުރިއަށް ދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.