ފުލުހުންގެ މައި އިދާރާ - ފެށުން ފޮޓޯ: ވިސާމް

ރިޟްވާން މައްސަލައިގައި ހިމެނޭ ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފި

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ މ.ޝައިނިނގްސްޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲގެ މައްސަލައިގައި ހިމެނޭ ދެފުލުހުން ވަޒީފާއިން ވަކިކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މި ތުހުމަތު ކުރަނީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓްގައި މަސައްކަތްކުރި ކޯޕްރަލް މުޙައްމަދު ޖިނާޙްއާއި، ކޯޕްރަލް އިބްރާހީމް ރިފްއަތަށެވެ. މި މީހުންގެ ސަރވިސް ނަންބަރާއި ނަމާއި މަޤާމް ވަނީ މަރު ކޮމިޝަނުގެ ރިޕޯޓާއެކު ހާމަކޮށްފައެވެ.

މި ދެ ފުލުހުންނަކީ ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމުގެ ގޮތުން ޕާސްޕޯޓެއް ހެދުމަށް އޭރުގެ އިމިގްރޭޝަންގެ ކޮންޓްރޯލާ ހަސަން އަލީއާ ބައްދަލު ކުރި ދެ ފުލުހުން ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގައި އެ ދެ ފުލުހުންގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ބަލަމުންދާތީވެ، ވަޒީފާއާއި މެދު ގޮތެއް ނިންމަންދެން 2017 ޖުލައި 13 ވަނަ ދުވަހުން ފެށިގެން މުސާރަ ނުލިބޭގޮތަށް ރަސްމީ މަސައްކަތުން ދުރުކޮށްފައި ވަނިކޮށް އަނބުރާ ވަޒީފާއަށް ނެރެފައިވަނީ ޓްރާންސިޝަން ޕީރިއަޑް ތެރޭގައި 2018 ނޮވެމްބަރު 7 ވަނަ ދުވަހުއެވެ.

އެ ދެ ފުލުހުންގެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ބަލަމުން ދާކަން ފުލުހުން ދާދި ފަހުން ކަށަވަރުކޮށްދިން ނަމަވެސް ވަޒީފާއިން ވަކިކުރިކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ވިދާޅުވީ، ރިޟްވާން މައްސަލައިގައި ތުހުމަތު ލިބޭ ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް އެ ފުލުހުންނާ ގުޅޭގޮތުން ޕްރޮފެޝަނަލް ސްޓޭންޑާރޑްސް އިން ބެލި މައްސަލަގައި ގޮތެއް ނިންމާފައިވޭތޯ ސުވާލުކުރުމުން ފުލުހުން ޖަވާބެއް ނުދެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ