މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ މ.ޝައިނިނގްސްޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲގެ މައްސަލައިގައި ހިމެނޭ ދެ ފުލުހުން ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމައިފިއެވެ.
ފުލުހުން ދާދި ދެންމެ ވިދާޅުވީ، އިންޓެލް ދެ ފުލުހުންގެ މައްސަލަ ތަޙްޤީޤު ކުރުމަށްފަހު މިއަދު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، ބޯޑުން ނިންމާފައިވަނީ އެ ދެ ފުލުހުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށެވެ.
ވަޒީފާއިން ވަކިކުރުމަށް ބޯޑުން ނިންމާފައިވަނީ، ރިޟްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމުގެ ގޮތުން ޕާސްޕޯޓެއް ހެދުމަށް އޭރުގެ އިމިގްރޭޝަންގެ ކޮންޓްރޯލާ ހަސަން އަލީއާ ބައްދަލު ކުރި ދެ ފުލުހުން ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓްގައި މަސައްކަތްކުރި ކޯޕްރަލް މުޙައްމަދު ޖިނާޙްއާއި، ކޯޕްރަލް އިބްރާހީމް ރިފްއަތެވެ.
ފުލުހުން ވިދާޅުވީ، ފުލުހުންގެ ޤަވާއިދު ބުނާގޮތުން، ބޯޑުގެ ނިންމުން އިސްތިއުނާފް ކުރުމަށް 7 ދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ. އަދި ބޯޑުގެ ނިންމުން ތަންފީޒު ކުރެވިގެންދާނީ ޑިސިޕްލިނަރީ ބޯޑުގެ ނިންމުން ކޮމިޝަނަރު އޮފް ޕޮލިސް އެންޑޯޒް ކުރެއްވުމުންނެވެ.
މި ދެ ފުލުހުން މިވަގުތު ސަސްޕެންޝަނުގައި ތިބިއިރު، އެ ދެ ފުލުހުން ވަޒީފާއިން ވަކިކޮށްފައިވާކަމަށް މިއަދު ވަނީ އަޑުފެތުރިފައެވެ.




