އައިޖީއެމް ހޮސްޕިޓަލް- ފޮޓޯ: ފެށުން

އެކެއް ނޫން، ތިން ސްޕީޗްތެރަޕިސްޓުން މަސައްކަތްކުރޭ - އައިޖީއެމްއެޗް

ދިވެހިރާއްޖޭގެ ޤައުމީ ހޮސްޕިޓަލް އައިޖީއެމް ހޮސްޕިޓަލްގައި މަސައްކަތް ކުރަނީ އެންމެ ސްޕީޗްތެރަޕިސްޓެއް ނޫން ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އައިޖީއެމް ހޮސްޕިޓަލުން މިހެން ވިދާޅުވީ، "ކޮއްކޮ ދެރަވޭ – ސަމާސާއެއް ނޫން، އެތައް ބައެއްގެ ފުން އަސަރުތަކެއް!" ގެ ނަމުގައި މި ނޫހުގައި ޝާއިއު ކުރި ރިޕޯޓްގައި، ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބެލެނިވެރިޔަކާ ހަވާލާދީ، އައިޖީއެމް ހޮސްޕިޓަލްގައި މަސައްކަތް ކުރަނީ އެންމެ ސްޕީޗްތެރަޕިސްޓެއް ކަމަށް ލިޔެވިފައިވާތީ އެކަން ކުއްވެރިކޮށް އެ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައެވެ.

މި ނޫހުގައި އެގޮތަށް ރިޕޯޓް ކުރެވިފައިވަނީ މަޢުލޫމާތުގެ ކުށަކުން ކަމަށްވެފައި، އިތުރަށް އެކަން ސާފުކުރަން އައިޖީއެމް ހޮސްޕިޓަލްގެ ބަސް ހިމެނުމެއްނެތި ރިޕޯޓް ޝާއިއު ކުރެވުނުކަމަށްޓަކައި މި ނޫހުން އެ ހޮސްޕިޓަލާއި، ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެ،މެވެ.

"އައިޖީއެމްއެޗްގައި 3 (ތިނެއް) ސްޕީޗްތެރަޕިސްޓުން މަސައްކަތް ކުރައްވާ ކަމުގައި މި ފުރުޞަތުގައި ދަންނަނަވަމެވެ. އެއީ އޯގަސްޓް 2018 އިން ފެށިގެން ދިވެހި 2 (ދޭއް) ސްޕީޗްތެރަޕިސްޓުން އަދި ނޮވެންބަރު 2018 އިން ފެށިގެން ބޭރުގެ 1 (އެކެއް) ތެރަޕިސްޓުންނެވެ." އައިޖީއެމް ހޮސްޕިޓަލްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވީ، އޭގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާދިނުމަށް 1 (އެކެއް) އޮކިއުޕޭޝަނަލް ތެރަޕިސްޓް އެ ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ކަމަށެވެ.

އައިޖީއެމް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސަރުކާރުގެ މައި ހޮސްޕިޓަލަށްވާއިރު، އެ ހޮސްޕިޓަލުން ޚިދުމަތް ހޯދުމަށް ބޮޑެތި ކިޔުތަކުގައި މަޑުކުރަންޖެހުމަކީ އަދިވެސް ހައްލުވެފައިނުވާ ޤައުމީ މައްސަލައެކެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް