ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އެޑްވައިޒަރ ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަހްމަދާ ގުޅޭގޮތުން އެޕާޓީއަށް ހުށައަޅާފައިވާ ސުލޫކީ މައްސަލައިގައި ގޮތެއް ކަނޑައެޅިފައިނުވަނީ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް ނުބޭއްވޭތީކަމަށް އެޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން ޢަލީ ޞާލިހް ވިދާޅުވީ ޑރ.ޖަމީލަކީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުކަމަށްވާތީ އޭނާއާމެދު ހުށަހަޅާ ސުލޫކީ މައްސަލައަކާ މެދު ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ޕާޓީގެ ކައުންސިލް ބައްދަލުވުމުން ކަމަށެވެ.
ޖަމީލްގެ ސުލޫކީ މައްސަލަ އެ ޕާޓީއަށް ހުށަހަޅާފައިވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙީމްގެ އެޑްވައިޒަރުގެ މަޤާމުގައި ހުންނަވައިގެން ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، އިދިކޮޅު ލިޑަރ ކުރީގެ ރައީސް ޔާމީންގެ ކެމްޕެއިންގައި ބައިވެރިވެފައިވާތީއެވެ.
ޖޭޕީގެ ކައުންސިލް މެންބަރު މުޙައްމަދު ސައީދު ޖުމްހޫރީ ޕާޓީގެ ލީޑަރަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ޑރ. ޖަމީލް، ސެޕްޓެންބަރ މަހުގެ 5 އަދި 6 ވަނަ ދުވަހު އިދިކޮޅު ލީޑަރ ކުދީގެ ރައީސް ޔާމީންއާއެކު، އދ. އަތޮޅުގެ ބައެއް ރަށްރަށަށް އިދިކޮޅު ކޯލިޝަން ޕްރޮމޯޓް ކުރުމަށް ދަތުރު ކުރެއްވުމަކީ، ޖޭޕީގެ އަސާސީ ޤަވާއިދުގެ 66 ވަނަ މާއްދާގެ (ށ)، (ނ) އަދި (ރ) އާއި ޚިލާފު ކަމެއް ކަމަށެވެ.
ޖަމީލު ވަނީ މިހާރުގެ ސަރުކާރަށް ފާޅުކަން ބޮޑު ގޮތެއްގައި ފަޑު ވިދާޅުވެފައެވެ. އަދި އިދިކޮޅުން ބާއްވާ ހަރަކާތްތަކުގައި ޖަމީލު އަންނަނީ ބައިވެރިވެ ވާހަކަ ދައްކަވަމުންނެވެ.




