ސީއެމްޑީއޭ - ފޮޓޯ: ވީނިއުސް

ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ހުސްވެފައިވާ ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ސީއެމްޑީއޭގެ ސީއީއޯގެ މަގާމުގައި ހުންނެވި ނާދިޔާ ހަސަން އިސްތިއުފާ ދެއްވުމާ ގުޅިގެން އާ ސީއީއޯއެއް އައްޔަން ކުރެވެންދެން އެ މަގާމު އަދާކުރައްވަމުން މިހާރު ގެންދަވަނީ އެ އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް، ހެޑް އޮފް މާކެޓް ޑިވެލޮޕްމެންޓް ޑިޕާޓްމެންޓް ފާތިމަތު އަބްދުﷲ ކަމާލުއްދީންއެވެ.

ސީއެމްޑީއޭ އިން ބުނީ، ސީއީއޯގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ ފައިނޭންސް، އެކައުންޓިން، އިކޮނޮމިކްސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބޭންކިން، ނުވަތަ ގުޅުންހުރި ދައިރާއަކުން ބެޗެލާސް ޑިގްރީ، ނުވަތަ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 8 އަށް ފެތޭ ސަނަދެއް އޮތް ބޭފުޅަކަށް ވާންޖެހޭނެ ކަމަށާއި، މިމަގާމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ ނިންމުންތައް ނިންމާ ލެވެލްގައި މަދުވެގެން ހަތް އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވާ ބޭފުޅުންނަށްވެސް ވާންޖެހޭނެ ކަމަށެވެ.

ސީއެމްޑީއޭގެ ސީއީއޯއަށް އަސާސީ މުސާރައަކީ 25،000 އާއި 30،000 އާ ދެމެދުގެ އަދަދެއް އަދި ފިކްސްޑް އެލަވަންސްގެ ގޮތުގައި މަހަކު 12،000 ރުފިޔާ އާއި ބޯޑް އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ ލިބޭނެއެވެ.

އެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 23 ވާ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ