ރާއްޖޭގައި ބާއްވާ ކެޕިޓަލް މާކެޓްގެ ފުރަތަމަ ފޯރަމް މިމަހު ބާއްވަނީ

ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އިސްނަގައިގެން މޯލްޑިވްސް ސްޓޮކް އެކްސްޖޭންޖާއި ގުޅިގެން ބާއްވާ ފުރަތަމަ ކެޕިޓަލް މާކެޓް ފޯރަމް މިމަހު ބާއްވާ ގޮތަށް އެފަރާތުން ހަމަޖައްސަވައިފިއެވެ.

އޮކްޓޫބަރ 31 ބަނޑޮސް މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމް ބޭއްވެނީ ކެޕިޓަލް މާކެޓްގެ ހުރިހާ ސްޓޭކްހޯލްޑަރުން އެއްތާކުން ބައްދަލުވެ، ހުރިހާ ސްޓޭކްހޯލްޑަރުން ބައިވެރިވުމާއެކު ކެޕިޓަލް މާކެޓަށް އަހުލުވެރިކޮށް އެކަން ކުރިއެރުވޭނެ ގޮތްތަކެއް ހޯދުމުގެ މަގްސަދުގައި ކަމަށް ސީޢެމްޑީއޭ ގެ ސީއީއޯ ފާތިމަތު އަބްދުﷲ ކަމާލުއްދީން ވަނީ ވިދާޅުވެފައެވެ.

މި ފޯރަމް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ބެނުންވާ ފައިސާ ކެޕިޓަލް މާކެޓްގެ ތެރެއިން ހޯދޭނެ ހަރުދަނާ ނިޒާމެއް ކުރިއެރުވޭނެ ގޮތްތައް ދެނެގަތުންކަމުގައި އެފަރާތުން ވަނީ ވިދަޅުވެފައެވެ.

މި ފޯރަމަކީ ހިއްސާގެ ބާޒާރާއި ގުޅޭގޮތުން މިހާ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ މަޝްވަރާ ބައްދަލުވުމެވެ.

ސްޓޮކްއެކްސްޗޭންޖު ހިންގާތާ 11 އަހަރުވެފައިވާއިރު މިދާއިރާގައި ވަރަށް ގިނަ ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވައި ސީއެމްޑީއޭ ގެ ސީއީއޯ އައުޝަން ލަތީފް ވިދާޅުވީ މި ފޯރަމްގެ ސަބަބުން ކެޕިޓަލް މާކެޓް އިތުރަށް ކުރިއެރުވުމަށް މުޙިންމު ހިޔާލުތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

"ކެޕިޓަލް މާކެޓް ފޯ ސޯޝަލް ހާރމަނީ" މި ޝިއާރުގެ ދަށުން ކުރިޔައްގެންދާ މި ފޯރަމްގައި ސަރުކަރުގެ ވުޒާރާތަކާއި އަމިއްލަ ކުންފުނިތައް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޯރަމް ޝަރަފްވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ. މީގެ އިތުރުން މި ފޯރަމްގައި ކެޕިޓަލް މާކެޓް އާއި ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ކެޕިޓަލް މާކެޓް ދާއިރާގައި ހަރަކާތްކެރިވާ އަމިއްލަ ފަރާތްތަކާއި، ކުންފުނިތުން ބައިވެރިވާނެއެވެ. އަދި ރާއްޖޭއިން ބޭރުގެ މިދާއިރާގެ މާހިރެއްގެ މަޝްވަރާތަކާއި ހުށަހެޅުންތައް މި ފޯރަމްގައި ކުރިއަށްދާނެކަމަށް ސީއެމްޑީއޭ އިން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ