ޔޫއެފާއިން ޕީއެސްޖީގެ ތަރި ނޭމާއަށް ޗެމްޕިއަންސް ލީގުގައި ދީފައިވާ އަދަބު ލުއިކޮށްދީފިއެވެ.
ނޭމާއަށް އަދަބު އައިސްފައިވަނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި މެންޗެސްޓާ ޔުނައިޓެޑާއ ދެކޮޅަށް ކުޅުނު ދެވަނަ ލެގު މެޗަށްފަހު މެޗު އޮފިޝަލުންނަށް ދިން ބަހުގެ ހަމަލާތަކުގެ ސަބަބުންނެވެ.
އެމެޗުގައި އަނިޔާގެ ސަބަބުން ނޭމާ ކުޅެފައިނުވާއިރު، މެޗު ބަލަންހުރި ނޭމާ ހިތްހަމަނުޖެހިފައިވަނީ މެޗުގެ 94 ވަނަ މިނަޓްގައި މެންޗެސްޓާ ޔުނައިޓެޑަށް ދިން ޕެނަލްޓީއާއެކުގައެވެ. ޕީއެސްޖީގެ ޑިފެންޑަރު ކިމްޕެމްބޭ ފުރަގަސް ދީގެން ހުއްޓައި އަތުގައި ޖެހިގެން ލިބުނު މިޕެނަލްޓީ ކާމިޔާބުކޮށް ޔުނައިޓެޑުންވަނީ ޕީއެސްޖީ ކަޓުވާލުމަށްފަހު ކުއާޓާއަށް ދަތުރުކޮށްފައެވެ.
މިމައްސަލައާއި ގުޅިގެން ޔޫއެފާއިން ނޭމާ ޗެމްޕިއަންސް ލީގުގެ 3 މެޗަށް ސަސްޕެންޑްކުރިއެވެ. ނަމަވެސް އެއަދަބު މިހާރުވަނީ ދެމެޗަށް ކުޑަކޮށްފައެވެ.
އެހެން ކަމުން މިސީޒަންގެ ޗެމްޕިއަންސް ލީގު ފުރަތަމަ ދެ މެޗު ނޭމާއަށް ގެއްލޭނެއެވެ. ފުރަތަމަ ދެމެޗުގައި ޕީއެސްޖީން ނުކުންނާއީ ރެއަލްމެޑްރިޑް އަދި ގަލަތަސަރޭއާއި ދެކޮޅަށެވެ. ނޭމާއަށް ޕީއެސްޖީ ޖާޒީގައި މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ކުޅެވޭނީ އަންނަ އޮކްޓޯބަރ 22 ގައި ކްލަބު ބްރަގެސްއާއި ދެކޮޅަށް ޕީއެސްޖީ ނުކުންނަ މެޗުގައެވެ.



