ތޯލިބާނުން އަފްގާނިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ދެހަމަލާގައި 48 މީހުން މަރުވެ ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެއްޖެއެވެ.
މި ދެހަމަލާގެ ތެރެއިން ފުރަތަމަ ހަމަލާ އަމާޒުކޮށްފައިވަނީ އިންތިހާބީ ކެމްޕެއިން އެއްވުމަކަށެވެ. މި އެއްވުމަކީ އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގާނީ ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައި އޮތް އެއްވުމެކެވެ. މި އެއްވުމަށް ދިން ޖާނުންފިދާ ވުމުގެ ހަމަލާގައި 26 މީހުން މަރުވެފައި ވެއެވެ.
ދެވަނަ ހަމަލާ ދީފައިވަނީ ކާބުލްގައި ހުންނަ އެމެރިކާގެ އެމްބަސީ ކައިރީގައެވެ. މިހަމަލާގައި 22 މީހުން މަރުވެފައި ވެއެވެ.
ތޯލިބާނުންވަނީ މި ދެހަމަލާގެ ޒިންމާވެސް އުފުލައިފައެވެ. ތޯލިބާނުން ބޮމުގެ ހަމަލާތައް ދޭން ފަށައިފައި މިވަނީ އަފްގާނިސްތާނުގައި މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބާއި ދިމާކޮށެވެ.
ތޯލިބާނުންނާއި އެމެރިކާއިން އަފްގާނިސްތާނުގައި ސުލްހަ ގާއިމް ކުރުމަށްޓަކައި ކުރަމުންދިޔަ މަޝްވަރާތައްވެސްވަނީ މިމަހުގެ ކުރީކޮޅުގައި ހުއްޓާލައިފައެވެ.



