ޔޫއެފާ ޗެމްޕިއަންސް ލީގު ރޭ ފެއްޓިފައިވާއިރު، އިންގްލޭންޑްގެ ޗެލްސީ އަދި ލިވަޕޫލްވެސް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.
އިޓަލީގެ ނަޕޯލީއާއި ބައްދަލުކޮށް ލިވަޕޫލް ދަށްވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުންވެސް ހަމަހަމަކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހިއެވެ. އަދި ދެވަނަ ހާފުގެވެސް ބޮޑުބައި ލަނޑެއް ނުފެނިގޮސްފައިވާއިރު މެޗުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުންނެވެ. 82 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ނަޕޯލީއަށް ޖަހައިދިނީ މާޓެންސްއެވެ.
ނަޕޯލީގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ މިދިޔަ ޓްރާންސްފާ ވިންޑޯގައި އިންގްލޭންޑްގެ ޓޮޓޭންހާމް ދޫކޮށް އެކްލަބާއި ގުޅުނު ފަނަންޑޯ ލޮރެންޓޭއެވެ.
އިދިކޮޅު ޓީމަށް ދިން ޕެނަލްޓީއާއި ދޭތެރޭ ހިތްހަމަ ނުޖެހިގެން މެޗަށްފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ، އެހާދިސާގައި އެކިއެކި ގޮތްގޮތަށް ވާހަކަދެއްކޭނެކަމަށާއި، ނަމަވެސް ކުޅުންތެރިޔާ ގައިގަ ނުޖެހެނިސް ފުންމާލުމުން ޕެނަލްޓީއެއް ނުލިބޭނެކަމަށެވެ.

ޗެލްސީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ދަށްވީ، ސްޕެއިންގެ ވެލެންސިއާއާއި ބައްދަލުކޮށް 0-1 ގެ ނަތީޖާއަކުންނެވެ.
ޗެލްސީގެ ވެލެންސިއާއަށްވުރެ ހުރިހާ ގޮތަކުންވެސް ފުރިހަމަކޮށް ފެނުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. 74 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ވެލެންސިއާއަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯ މޮރޭނޯއެވެ.
މިނަތީޖާއާއެކު ދަށްވަމުންދިޔަ ޗެލްސީ މެޗުގެ ނަތީޖާ ހަމަހަމަކޮށްލަށް ރަނުގެ ފުރުޞަތެއް ލިބިގެންދިޔައީ މެޗުގެ ފަހު ވަގުތު ކޮޅުގައި ލިބިގެންދިޔަ ޕެނަލްޓީއިންނެވެ. ނަމަވެސް 87 ވަނަ މިނަޓްގައި ރޮސް ބާކްލޭ ފޮނުވާލި މިޕެނަލްޓީދިޔައީ ގޯލާއި އަމާޒުނުވެ ދަނޑި މަތިންނެވެ. އެހެންކަމުން މެޗު ނިމިގެންދިޔަޢި 0-1 ގެ ނަތީޖާއަކުން ޗެލްސީ ދަށުގައި އޮވެގެންނެވެ.
މެޗުގައި ޗެލްސީ ޒުވާން ފޯވާޑު މޭސަން މައުންޓަށްގެ ކުޑަހުޅަށްވަނީ އަނިޔާވެފައެވެ. އަދި މިއަނިޔާގެ އިތުރު ތަފްޞީލު ޔަޤީންވެގެންދަނީ ކުރިއަށް 24 ނުވަތަ 48 ގަޑިއިރުތެރޭކަމަށްވެސް ޗެލްސީއިން ބުނެއެވެ.




