ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ބޮރޯސިއާ ޑޯޓުމުންޑާއި ދެކޮޅަށް ކުޅުނު މެޗުގައި، ޖަރުމަނަށް ނިސްބަތްވާ ބާސެލޯނާގެ ކީޕަރު މާކް އެންޑްރޭ ޓާ ސްޓެގެން ދެއްކި މޮޅުކުޅުމާއެކު ބާސެލޯނާ ބަލިނުވެ ސަލާމަތްވެއްޖެއެވެ.
ޑޯޓުމުންޑް ދަނޑުގައި ކުޅުނު މިމެޗުގައި އެކްލަބުގެ ފަރާތުން ނުރައްކާތެރި އެތަށް ހަމަލާތަކެއް ބާސެލޯނާގެ ގޯލަށް ފޮނުވާލާފައިވާއިރު މިހުރިހާ ހަމަލާތަކެއްގެވެސް ހުރަހަކަށްވީ ސްޓެގެންއެވެ.
ޑޯޓުމުންޑްގެ ކެޕްޓަން މާކޯ ރުއީސްގެ ގިނަ ހަމަލާތަކެއް ދިފާޢުކުރި ސްޓެގެންވަނީ ރޭގެ މެޗުގައި ޕެނަލްޓީއެއްވެސް ދިފާޢުކޮށްފައެވެ. ރުއީސް ފޮނުވާލި މިޕެނަލްޓީ ހިފަހައްޓައި ޖަރުމަނު ޤައުމީ ޓީމުގެ ފުރަތަމަ 11 ފުރުޞަތު މަދު މަދުން ލިބޭ ސްޓެގެން އޭނާގެ ފެންވަރު މުޅި ޖަރުމަނަށް ދައްކާލިއެވެ.

ބާސެލޯނާގެ ފަރާތުން ފުރަތަމަ ހާފު ކޮންމެވެސް ވަރެއްގެ ނުރައްކާތަކެއް ޑޯޓުމުންޑް ޑިފެންސަށްކުރި ނަމަވެސް ޑޯޓުމުންޑުންވަނީ ދެވަނަ ހާފުގައި މުޅި ބާސެލޯނާ ހައިރާންކޮށްލާފައެވެ. ފުލު ފުލުން އެތަށް ހަމަލާތަކެއް ޑޯޓުމުންޑުން އުފައްދަމުންދިޔައިރު، އެކަން ޙައްލުކުރަން ބާސެލޯނާއަށް ޖެހުނީ ބެންޗުގައިހުރި މެސީ އަރުވާށެވެ.
މެސީ އެރުމުން ކޮންމެވެސް ވަރަކަށް ބާސެލޯނާއަށް ޑޯޓުމުންޑް ހާފުގައި ބޯޅަ ހިފަހައްޓާލެވުނު ނަމަވެސް މާނުރައްކާވާކަހަލަ ހަމަލާއެއް ފޮނުވާލެވިފައެއްނުވެއެވެ. އެހެންނަމަވެސް މެޗުގެ ފަހު ބޯޅައިން ލަނޑެއްޖަހަން ބާސެލޯނާއަށް ރަނގަޅު ފުރުޞަތެއް ލިބުނު ނަމަވެސް، އޭރިއާތެރޭހުރެފައި މެސީ ފޮނުވާލި މިހަމަލާވަނީ ޑޯޓުމުންޑް ޑިފެންޑަރެއް ހުރަސްއަޅައި ދިފާޢުކޮށްފައެވެ.
އެތަށްހާސް ސަޕޯޓަރުންނަކާއެކު ބަލާހިތްވާކަހަލަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހިއެވެ.




