ޤައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ރިޒުވާން (ރިޒޭ) ގެ ޖޫރިމަނާ ފައިސާ މުސާރައިން ކެނޑޭ ގޮތަށް އީގަލްސް އިން ދައްކައިދީފިއެވެ.
އީގަލްސް އަށް ކުޅެމުން އަންނަ މި ދެ ކުޅުންތެރިން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޢެފްއޭއެމް) އިން ޖޫރިމަނާ ކޮށްފައިވަނީ، ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ފަސް ވަނަ ދުވަހު ގުއާމާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ނުދިއުމުންނެވެ.
އެ މައްސަލައިގައި ކޮންމެ ކުޅުންތެރިއަކު 50000ރ އިން ޖޫރިމަނާކޮށްފައިވާއިރު، އެފްއޭއެމް އިން ބުނެފައިވަނީ އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި އެ ދެ ކުޅުންތެރިންނަށް ކުޅެވޭނީ ޖޫރިމަނާ ދެއްކުމަށް ފަހުގައި ކަމަށެވެ.
އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފައިވަނީ، އެ ދެ ކުޅުންތެރިން އެވެއިލެބަލް ކަން ކްލަބްގެ މެނޭޖްމަންޓުން އަންގާފައިވާ ކަމަށާއި، ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅޭ މެޗަށް އީގަލްސް އިން ތައްޔާރުވަނީ ސެންޓޭ އާއި ރިޒޭ ހިމަނައިގެން ކަމަށެވެ.
އީގަލްސް އިން އެ ފައިސާ ދެއްކުމުން އެ ކުޅުންތެރިންނަށް ދިރާގު ދިވެހި ޕްރިމިއާ މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅެވޭނެ އެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														
