ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މ.އަތޮޅާއި، ފ.އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މާދަމާ ފައްޓަވާނެކަން ޕްރޮގްރެސިވް ކޯލިޝަނުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިހާރު ބާއްވަމުންދާ ޕްރޮގްރެސިވް ކޯލިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖަނެރަލް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ރައީސް ޔާމީންގެ މިދަތުރުފުޅުގައި މި ދެ އަތޮޅުގެ ވަރަށް ގިނަ ރަށްތަކަށް ޒިޔާރަތްކުރައްވައި ސަޕޯޓަރުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
ތިން ދުވަހަށް ފައްޓަވާ މި ދަތުރުފުޅުގައި ރައީސް ޔާމީން މާދަމާ މ.އަތޮޅާއި، ފ.އަތޮޅަށް ފުރުއްވާއިރު، މީގެ ދެ ހަފްތާ ކުރިން ޔާމީން ވަނީ އަރިއަތޮޅު ދެކުނުބުރިއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން މިދިޔަ ހަފްތާ ބަންދުގައި ޕްރޮގްރެސިވް ކޯލިޝަނުން "ދަވާލައިފި" ނަމުގައި މާލޭގައި ޖަލްސާއެއް ބާއްވާފައެވެ.
ވެރިކަން ވެއްޓުނު ފަހުން ސިޔާސީ ހަރަކާތަތައް ރައީސް ޔާމީން ފެއްޓެވިއިރު، އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތް ދަނީ ކުރިއަށެވެ.
ޕްރޮގްރެސިވް ކޯލިޝަނުގެ މި ދަތުރުތަކަކީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރައްވާ މަސައްކަތްތަކުގެ ބޮޅެކެވެ.



