ބުލީ ކުރުމާއި ދެކޮޅަށް ތެދުވަން ކެރޭނެތަ!

ހަނގާ ކުރުން ނުވަތަ ބުލީ ކުރުމަކީ ދިވެހިންގެ ތެރޭގައި އާންމުވެ، ފެތުރެމުން އަންނަ ވަރަށް ނޭދެވޭ ހިތާމަހުރި ސިފައެކެވެ. ބުލީގެ ޝިކާރައަކަށްވެ ދިރިއުޅުމުގައި ކުރިއަށްދާނެ ގޮތެއް ނުވިސްނިފައި މިއަދުވެސް މި ދިވެހި ގައުމުގައި ދިރިއުޅެމުންދާ މީހުން މަދެއް ނޫނެވެ.

މަޖަލަކަށް ކުރި ކަމުގައި ވިނަމަވެސް ބުލީ ކުރުމުގެ ސަބަބުން ހަލާކު ކޮށްލެވެނީ އިންސާނެއްގެ ދިރިއުޅުމެވެ. ފުނޑު ފުނޑު ކޮއްލެވެނީ އެތަށްބައެއްގެ މުސްތަޤްބަލާއި، އުންމީދުތަކެވެ. ބުލީ ކުރުން ކޮންޓްރޯލް ނުކުރެވި، ނަފްސާނީ ގޮތުންނާއި ޖިސްމަނީ ގޮތުން އެތަކެއް އަނިޔާއެއް ތަހައްމަލް ކުރަން ޖެހޭ މީހުން އިތުރު ވަމުން ދިޔުމަކީ ހިތާމަ ހުރިކަމެކެވެ.

އާންމު ގޮތެއްގައި ބުލީ ކުރުން ފެނިގެން ދަނީ ސްކޫލް ދުވަސްވަރުގައެވެ. ކުދިންގެ މެދުގައި ހުންނަ ފަރަޤް ތަށް ފާހަގަކޮށް އެވާހަކަ ދައްކައި ހަދަން އެންމެ ފުރަތަމަ ފަށަނީ ކުލާހުގައި ޖެހޭ ދެބަސްވުންތަކުގައެވެ. ކުއްޖާގެ ހަމުގެ ކުލަ ކަޅުވުމުން، އިސްކޮޅުން ކުރުވުމުން، އެހެން ކުދިންނަށް ވުރެ ފަލަ ވުމުން ނުވަތަ ކުލާހުގައި ދޭ އެއްޗެއް ދަސް ނުވުމުން ފަދަ މިކަހަލަ ތަފާތު އެތައް ސަބަބު ތަކާއި ހުރެ ބުލީ ކުރެއެވެ. މިކަހަލަ ކަންތަށްތަށް އެނގިހުރެ ނޭނގޭ ކަމަށްހަދައިގެން ބެލެނިވެރިންނާއި ޓީޗަރުން ހުރުމަކީ ޤަބޫލު ނުކުރެވުނަސް ފެންނަމުން އަންނަ ހަޤީޤަތެވެ.

މިކަންތަށް ވެގެން ދަނީ ބުލީ ކުރާ ކުއްޖާއަށް ލިބޭ ހިތްވަރަކަށެވެ. އެހެން ކަމުން ބުލީ ކުރުމާއި ދެކޮޅަށް އަޑު އުފުލައި އެކަން ހުއްޓުވުމަށް ޓީޗަރުންނާއި ބެލެނިވެރިންވެސް މިހާރަށް ވުރެން ބޮޑަށް މަސައްކަތް ކުރަން ޖެހެއެވެ. ބުލީ ކުރާ ކުއްޖާއަށް ނަސޭހަތްތެރިވާން އެބަޖެހެވެ.

ބުލީގެ ޝިކާރައަކަށްވެ މީހާ ފުން އަނދަވަޅަކަށް ވެއްޓި ފުރާނައަށް ނުރައްކާވާ ކަހަލަ ކަންތައްތައް ކުރުމަކީ އަޅުގަނޑުމެންގެ ލޯ ކުރިމަތިން ފެންނަން އޮތް ސާފު ހަޤީޤަތެވެ. އެހެން ކަމުން މިއީ އަނގަ ބަންދުކޮށް ސިއްރުކޮށްގެން ވާނެކަމެއް ނޫނެވެ. މިކަމަށް މިހާރަށް ވުރެން ބޮޑަށް މީހުން ހޭލުންތެރި ކުރުވަން އެބަޖެހެވެ. ބުލީ ކުރުމާ ދެކޮޅަށް އަތުކުރި އޮޅައިލައި މަސައަކަތް ފަށަންޖެހެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް