ޔޫސީއެލް - ފަހަތުންއަރައި އެތުލެޓިކޯއިން ޔުވެންޓަސްއާއި އެއްވަރުކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ފަހަތުންއަރައި އެތުލެޓިކޯއިން ޔުވެންޓަސްއާއި އެއްވަރުކޮށްފިއެވެ.

އެތުލެޓިކޯ އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް މާނުރައްކާތެރި ހަމަލާއެއް އުފެއްދިފައިނުވާއިރު ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ނަމަވެސް ކައުންޓަރ އެޓޭކެއްގައި އެތުލެޓިކޯގެ ފެލިކްސް ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އޭރިއާ ރޮނގުމަތިންކަހަލަ ގޮތަކަށް ފޮނުވާލި މިހަމަލާ ޔުވެންޓަސްގެ ކީޕަރުވަނީ ދިފާޢުކޮށްފައެވެ.

މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއްވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. މެޗުގެ 48 ވަނަ މިނަޓްގައި ޔުވެންޓަސް ޖުއާން ކޯޑްރާޑޯގެ ހިތްގައިމު ލަނޑަކާއެކު ސްކޯ ބޯޑު ހުޅުވުނުއިރު، މެޗުގެ ދެވަނަ ލަނޑުވެސް ޖެހީ ޔުވެންޓަސްއިންނެވެ. 65 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު މަޓައުޑީ ޖަހައިދިނީ ބޮލުންނެވެ.

ހިތްވަރާއެކު ކުޅެމުންއައި އެތުލެޓިކޯއިން މެޗުތެރެއަށް އަނބުރާ ގެނެސްދިނީ 70 ވަނަ މިނަޓްގައި ސެޓެފަން ސެވިޗް ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. ސެޓްޕީސްއަކުން ބޮލުން ކާމިޔާބުކުރި މިލަނޑަކާއެކު އިތުރު ހިތްވަރެއް ލިބިގެން އެތުލެޓިކޯއިންވަނީ މެޗުގެ ނިމުމުގެ ކުރިން އިތުރު ލަނޑެއްޖަހި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ފަހު މިނަޓްގައި ލިބުނު ކޯނަރަކުން ހެކްޓާ ހަރޭރާ ބޮލުން ކާމިޔާބުކޮށްދިން ހިތްގައިމު މިލަނޑާއެކު މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ